ޕްލޭނިން ސްޓޭޖުގައި ކުރެވޭ ކަންކަމުން، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ފިރުޝާން މިއަދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދު އަށް ވަރަށް ބޮޑަށް އުދަ އެރި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ފިރުޝާން ވިދާޅުވީ މަޑަވެލި ހޯޑެއްދޫ ކޯޒްވޭގެ ސަބަބުން އެ ދެ ރަށަށް އިންތިހާ އަށް އުދަ އަރަމުންދާ ކަމަށެވެ.

އެކަމުގެ ސަބަބުން ބޮޑެތި ތަކުލީފްތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޑަވެލި ކޯޒްވޭ ހެދީ އީއައިއޭ ރިޕޯޓާއި ޚިލާފަށް ކަމަށް ފިރުޝާން ފާހަގަކުރެއްވިއެވެ.

" ކުރީ ސަރުކާރުން މިކަން ކުރި އިރު އެތާގައި ހަދަން ޖެހޭ ކަލްމެޓްތައް ނަހަދާ ޕްރޮޖެކްޓްގެ އަގު ނުވަތަ ޕްރޮޖެކްޓްގެ މަސައްކަތް ކުޑަ ކުރުމަށް ބޮޑު އަގަކަށް މަސައްކަތް ކުޑަކުރުމަށް މިކަހަލަ ކަންކަން ހިންގީމަ މީގެއިން ނޭދެވޭ އަސަރު މިކުރަނީ ރައްޔިތުންނަށް. މަޑަވެލި ހޯޑެއްދޫގެ ފެން ތަޢައްޔަރުވެ ރައްޔިތުންނަށް ނުހަނު ބޮޑު ގެއްލުންތަކަކާ ކުރިމަތިވެފައި އެވަނީ." އޭނާ ވިދާޅުވިއެވެ.

ކޯޒްވޭގެ ދެކޮޅުން އުދަ އެރުމުގެ ސަބަބުން ރަށުގައި އަލަށް އާބާދުވި މީހުން ބޭނުން ކުރަން ލިބޭ ފެން ވެސް ތަޢައްޔަރުވެފައިވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

އެފަދަ ކަންކަން ހައްލުކުރުމަށް ގުދުރަތީ ކާރިސާތައް ދިމާވުމުން ދެން ވާނެ ގޮތެއް މިހާރަށް ވުރެ ރަނގަޅަށް ދިރާސާކޮށް ޕްލޭނިން ސްޓޭޖް ހަރުދަނާ ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ފިރުޝާން ވިދާޅުވީ، ތިނަދޫ އަށް އުދަ އަރަމުން ދިއުމާ ގުޅިގެން ތިނަދޫ ފިޔަވައި ދެން އެންމެ ބޮޑު ގެއްލުމެއް ވަނީ އެ ދާއިރާގެ ދައްޔިތުންނަށް ކަމަށެވެ.

" ދެ ރަށުގެ ދެކޮޅުން އުދަ އަރާ. ހަމަ އެހެންމެ ނަޑެއްލާގެ ދެކުނު ފަރާތަށް ވެސް އުދަ އަރަމުންދަނީ. ތިނަދޫ އަށް އުދަ އެރުމުން އެކަމުގެ ގެއްލުން އެންމެ ކައިރިން އެންމެ ބޮޑަށް ތިނަދޫގެ ރައްޔިތުންގެ އިތުރުން ވަނީ އަޅުގަނޑުމެން ދާއިރާގެ ރައްޔިތުންނަށް. ކޮންމެ ދުވަހަކު ވިޔަފާރި އާއި އެތައް ކަމެއްގައި ތިނަދޫ އަށް މީހުން ދަތުރު ކުރާ އިރު އެންމެ ފަހުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ފެރީއަށް މީހުން އަރުވަން ޖެހުނީ ލޯޑަރެއް ބޭނުންކޮށްގެން. އަޅުގަނޑުމެން ހަމަ ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭ ދަރަޖައެއްގައި އެކަން އެއޮތީ." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްތަކަށް އުދައިގެ އަސަރުކޮށްފައިވާ އިރު އެންމެ ބޮޑަށް އުދައިގެ އަސަރުކޮށްފައިވަނީ ގދ.ތިނަދޫއަށެވެ.