މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ އިންތިހާބު ފުލުހުން ލައްވާ ހުއްޓުވުމަކީ ވަރަށް ހުތުރު އަދި ގޯސް ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެފްއޭއެމް އާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަހްލޫފު ވިދާޅުވީ އެފްއޭއެމް އިން އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކުރީ މީގެ ހަތަރުވަރަކަށް މަސް ދުވަސް ކުރިން ކަމަށެވެ. އެހާއިރުވެގެން ދިޔައިރުވެސް އެންމެ މީހަކު އިންތިހާބުގައި ނިކުތުމުން އެ އިންތިހާބު ހުއްޓުވުމަށް ފުލުހުން ލައްވާ މަސައްކަތް ކުރުމަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި ކުށްވެރިވާނީ ވެސް ހުދު އޭނާ ކަމަށް ވިދާޅުވިއެވެ.

"ހަތަރުމަސް ކުރިން އިންތިހާބަކަށް ގޮވީމަ އެއަށް ވާދަ ކުރާނެ މީހެއް ނެތި ވަރަށް ހަޑި ދެއްތޯ އިންތިހާބު ލަސް ކުރަން. މިއީ އަޅުގަނޑުމެން ޕޮލިޓިކަލީ ވެސް ކޮށްފައި ތިބި ކަމެއް ނޫންތޯ. ޕްރައިމަރީ އެއްޗެހި ހުއްޓުވަން ފުލުހުން. އެހާލަތަށް ދިޔައީމަ އަޅުގަނޑަށް ވުރެ ގޯސް މީހެއް ނުހުންނާނެ،" މަހްލޫފު ވިދާޅުވިއެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ލީޑާޝިޕުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކަންކަމުގެ ގޮތުގައި ކޮށްފައިވާ ކަމަށް މަހްލޫފު ފާހަގަކުރެއްވިއެވެ. އެގޮތުން އަންހެން ފުޓުބޯޅަ ޓީމުން ހޯދަމުން އަންނަ ކުރިއެރުންތަކާއި ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ފިރިހެން ޓީމުންވެސް ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކުރެވޭ ކަމަށް މަހްލޫފު ވިދާޅުވިއެވެ. ނަމަވެސް ވިދާޅުވީ ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ވެސް އެބަހުރި ކަމަށެވެ.

"ފީފާ އިން ރާއްޖެ ސަސްޕެންޑު ކުރާނީ މި ކޭސްގައި، [އެފްއޭއެމްގެ އިންތިހާބު ބަލައިނުގަނެ ހުއްޓުވަން އުޅޭ މައްސަލަ]. އަލުން މިހާރު މިއޮތް ލީޑާޝިޕަށް ހަވާލު ކުރަންދެން ސަސްޕެންޑު. އެނޫން ގޮތަކަށް އެކަމެއް ނުހިނގާނެ. އެހެން ނޫން ކްލަބުތައް ބައިވެރިވެގެން އެމީހުން ގުޅިފައިވާ އެއްޗެއްގައި ސޮއިކޮށް ފޮނުވީމަ ފީފީ އެފްސީން ކޮމެޓީއަށް ފޮނުވީ. އެދުވަހު އައިސްފައި ވަކިވަކިން ކޮމެޓީތަކުގައި ސުވާލު މިކުރަނީ އެއީ ތެދެއްހޭ ކަލޭމެން އަށް ގޯސްހޭ މިހެން މިހެންހޭ ހިނގަނީ. އެދުވަހު ދެބައިކޮށްފައި އެއްބައި ގޯހޭ ބުނި ނަމަ އެމީހުން އިންޓާނަލް ކޮމެޓީއެއް ހަދާނެ. މީގައި ވަގުތުން ސަސްޕެންޑު،" މަހްލޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަސްޕެންޝަނާއި އެކުގައި މިހާރު ފުޓުބޯޅަ އަށް އޮތް ފޯރިވެސް ގެއްލިގެން ދާނެ ކަމަށެވެ. އަދި އެތައް ކުޅުންތެރި އަކަށް މުސާރަ ނުދެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އެފްއޭއެމްގެ މައްސަލަތަކެއް ބަލައި، އެ އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުވުމަށް މަސައްކަތް ކުރަމުންދާތީ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ އިންޒާރު ދީފައެވެ. އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކޮށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ހަ ނުކުތާއެއް ވަނީ ފާހަގަކޮށްފައެވެ.