ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 326 މީހުންނެވެ. އިއްޔެ އާއި ހަމައަށް މި އަދަދު ހުރީ 361 ގައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި 19 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދެނީ އައިސީޔޫގައި ކަން ކުރިން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެ، ބަލި ފެތުރޭ މިންވަރު އިތުރުވެގެން ދިޔައީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.

އިއްޔެ އިތުރު 10 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން ޖުމްލަ 2501 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 2158 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އިއްޔެ ރާއްޖެ އިން 45 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 12 މީހަކު ވަނީ ނިޔާވެފައެވެ. މިހާތަނަށް ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 64.05‬ އިންސައްތަ އަކީ ބިދޭސީންނެވެ. ރާއްޖެއިން މިހާތަނަށް 1602 ބިދޭސީއަކަށް މި ބަލި ޖެހިފައި ވާއިރު، ފައްސިވީ ދިވެހިންގެ އަދަދު އުޅެނީ 899 ގައެވެ.

ރާއްޖެއިން ޖުމްލަ 2090 ފިރިހެނަކާއި 402 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 107 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި ތިބީ 273 މީހެކެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 122 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބުނި ހަޖަރު

    ކޮވިޑް ބަލި ފެނުނުތާ 122 ދުވަސް ކިޔުމަށްވުރެ ބަލި ފެނުނުތާ މިއަދަށް ނުވަތަ 07 ޖުލައި އަށް 04 މަސް ފުރުނު ދުވަހޭ ކިޔުން މާ އައުލާކަން ބޮޑު. 4 މަސްތެރޭ ކުރިން އަންދާޒާކުރިގޮތާއި ޚިލާފައް 2501 މީހުންނަށް ކޮވިޑް ޖެހި 2158 މީހުން ބަލިން ރަނގަޅުވެ ބަލީގައި މަރުވި އަދަދު 12 މީހުންނަަށްވުމަކީ ( %0.5 ) ސިއްހީ ދާއިރާގެ ބޭފުޅުންނާއި އަދި އެހެނިހެން ބޭފުޅުންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބެކެވެ. މިފުރުސަތުގައި އެބޭފުޅުންނަށް އައްސަރިބަހާއި ސާބަސް އަދި ޝުކުރު ދަންނަވަމެވެ.