ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް އުފުލި، މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް އެ ކޯޓުން ކުރި ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފްކޮށްފައިވާ އިރު، އެ މައްސަލައާއި ގުޅިގެން ދެން އޮންނާނީ އެންމެ ފަހު އަޑުއެހުން ކަމަށް އެ ކޯޓުން ނިންމައިފިއެވެ.

ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ، މި އަޑުއެހުމުގައި އޮތީ، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ 75 އިސްތިޢުނާފީ ނުކުތާތަކާއި ގުޅިގެން ހުލާޞާގޮތެއްގައި ވާހަކަފުޅު ދެއްކެވުމާއި، އެ ނުކުތާ ތަކާއި ގުޅިގެން، ދަޢުލަތުން ދެއްވާފައިވާ ރައްދާއި ގުޅިގެން ހުލާޞާގޮތެއްގައި ވާހަކަފުޅު ދެއްކެވުމެވެ. އެގޮތުން، ކޮންމެ ފަރާތަކަށްވެސް 30 މިނެެޓްގެ ވަގުތުކޮޅެއް ޝަރީޢަތުން ވަނީ ދެއްވާފައެވެ.

އެގޮތުން، މި މައްސަލަ އިސްތިޢުނާފު ކުރައްވާ ފަރާތަށް ދެއްވި ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް، ޑރ މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވީ، ހައިކޯޓުގެ އިސްތިޢުނާފީ މަރުޙަލާއަށް އައިއިރުވެސް، ރައީސް ޔާމީން ކުރެއްވި ކުށަކީ، ކޮބައިކަން ދަޢުލަތަށް ސާފުކޮށްދެވިފައި ނުވާ ކަމަށާއި، އެމްއެމްޕީއާރުސީއާއި ގުޅޭގޮތުން އޭސީސީން ނެރުނު ތަޙުޤީޤު ރިޕޯޓުގައިވެސް ރައީސް ޔާމީނަށް އެއްވެސް ތުޙުމަތެއް ކޮށްފައި ނުވާ ކަމަށެވެ.

"އިއްޒަތްތެރި އިސް ފަނޑިޔާރު. މި މަރުޙަލާއަށް އައިސް އަޅުގަނޑުމެން މި ވާހަކަ ދައްކާއިރު، އަދިވެސް އަޅުގަނޑުމެންނަކަށް ނޭނގޭ އަޅުގަނޑުގެ މުވައްކިލް، ރައީސް ޔާމީން، ކޮށްގެން އުޅޭ ކުށެއް. އެ ކުށް ދަޢުލަތަށް ބުނެދެވިފައެއް ނުވޭ. ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަނީ، އެ މީހެއްގެ މައްޗަށް ތުޙުމަތު ކުރެވިފައިވާ ކުށަކީ، ކޮބައިކަން އެމީހަކަށް ރަނގަޅަށް ދޭހަވާނެ ބަހަކުން، ލަސްނުކޮށް އަންގަންވާނެ ކަން. ނަމަވެސް އަދިވެސް އެ ކުށަކީ ކޮބައިކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އަދި އެ ވިދާޅުވާ، އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ދަޢުލަތަށް ލިބެންޖެހޭ ފައިސާ ކަންވެސް ދަޢުލަތަށް ސާބިތުކޮށްދެވިފައެއް ނުވޭ. އަދި އެއީ ކޮންރަށަކާއި ގުޅިގެން، ކިހިނެތް ވަތް ވައިސާއެއްތޯވެސް ދަޢުލަތަށް ބުނެދެވިފައެއް ނުވޭ." ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ޖަމީލް ވަނީ، ކްރިމިނަލް ކޯޓުން، ރައީސް ޔާމީނާއި ދެކޮޅަށް ނިންމާފައިވާ ނިންމުމުގައި ހެކީންގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތްތަކާއި ގުޅިގެންވެސް ވާހަފުޅު ދައްކަވާފައެވެ. އެގޮތުން، އޭސީސީގެ އޭރުގެ ނާއިބު ރައީސް އަދި ފަހުން ރައީސް ކަމުގައި ހުންނެވި މުޢައްވިޒް ރަޝީދާއި، އޭސީސީގެ ކުރީގެ ރައީސް، ޙަސަން ލުޠުފީ އާއި، ރައީސް ޔާމީން ބައްދަލު ކުރެއްވި ކަމަށް މުޢައްވިޒު ރަޝީދު ވިދާޅުވެފައިވީ ނަމަވެސް، ޙަސަން ލުޠުފީ އެކަން ދޮގު ކުރާ ކަމަށާއި، އަދި އިތުރަށް އެކަން ސާބިތުކުރުމަށް ދަޢުލަތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާއިރު، މުޢައްވިޒު ރަޝީދު ވިދާޅުވާ ވިދާޅުވަމަކަށް ރިޢާޔަތްކޮށް، އޭނާގެ ހެކިބަސް ނަގާފައިވާތީ، އެއީ ކޮންގޮތަކަށް ނިންމާފައިވާ ނިންމުމެއް ކަމާއި މެދުވެސް ޑރ.ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

"އިއްޒަތްތެރި ފަޑިޔާރު. ޢަބްދުﷲ ޒިޔަތު ޝަރީޢަތުގެ މަޖިލީހުގައި ބުނާ ބުނުން ފިޔަވާ އެ ވާހަކައަށް ބުރަދަން ދޭނެ އެއްވެސް އެވިޑެންސެއް ދަޢުލަތުން ހުށަހަޅާފައެއް ނުވޭ. އަދި ޒިޔަތު ވާހަކަ ދައްކަވާފައިވަނީ ދެ ފަހަރު ދެ ގޮތަކަށްކަންވެސް އަޅުގަނޑު ފާހަގަކޮށްލަން. އެހެންމެ ފުރަތަމަ ބުނީ، އެ ވިދާޅުވާ ޗެކެއް ހަވާލުކުރީ އަޙުމަދު އަދީބް އާއޭ. ނަމަވެސް ދެވަނަ ފަހަރު ބުނީ، އެ ޗެކް ހަވާލުކުރީ، އަދީބު ވިދާޅުވި ބޭފުޅަކާއޭ. އެހެންވީމަ، އަޅުގަނޑުމެންނަށް އެބަ އެނގޭ ކޮންމެވެސް އެހެން މަޤްޞަދެއް ޙާޞިލްކުރުމަށް ދެއްވާފައިވާ ހެކިބަހެއްކަންމީ. އަދި އޭސީސީގެ ރިޕޯޓު އޮތް ގޮތުން އަޅުގަނޑުމެންނަށް އެބަ އެނގޭ، އެމްއެމްޕީއާރުސީގެ ފައިސާ އަށް ޒިންމާވާން ޖެހޭ ބޭފުޅަކީ ޒިޔަތުކަން." ޑރ.ޖަމީލް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި، ޖަވާބުދާރީ ވުމަށް ދަޢުލަތަށް ލިބުނު ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުން، ދަޢުލަތުގެ ވަކީލް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާއި، އޭސީސީން ކުރި ތަޙުޤީޤު ރިޕޯޓާއި އެއްވެސް ގުޅުމެއް ނުވާ ކަމަށާއި، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމާއި ގުޅޭ މައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ތަޙުޤީޤުކުރެވިގެން ނިންމާފައިވާ މައްސަލައެއް ކަމަށެވެ.

"އިސްތިޢުނާފު ކުރާ ފަރާތުން ކޮށްފައިވާ ކުށަކީ ކޮބައިކަން ނޭނގޭކަމަށް ވިދާޅުވާއިރު، މައްސަލައިގެ ހުލާސާ ރިޕޯޓުގައިވެސް އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ. އަދި އެ ވިދާޅުވާ، އޭސީސީ ރިޕޯޓާއި، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމާއި އެއްވެސް ގުޅުމެއް ނެތް. މި މައްސަލަ އަކީ، އެމްއެމްއޭ އިން ރެއިސް ކުރި އެސްޑީއާރަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަޙުޤީޤުކޮށް، ޝަރީޢަތަށް ފޮނުވި މައްސަލައެއް. އަދި އެއީ ކޮން ރަށަކާއި ގުޅޭ ފައިސާއެއްކަން ނޭނގޭ ކަމަށް ވިދާޅުވާއިރު، އެކަން މި މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން އެނގެން އެބަ އޮތް. ގއ.ވޮޑަމުލާ ގެ އިކިއުޒިޝަން ކޯސްޓް ނުލިބިގެން، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ގުޅުއްވި ކަމާއި، އެ ފައިސާ ލިބުމުން ގުޅުން ހުއްޓާލި ކަމަށް ހެކިންގެ ހެކިބަހުން އެނގޭ." ދަޢުލަތުގެ ވަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މިއަދުގެ ޝަރީޢަތް ނިންމާލާފައިވަނީ، އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރެވޭނެ ފުރުޞަތު ހަމަޖައްސައިދިނުމަށް އެދުމުން އެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ. އެގޮތުން، ކަމާއި ގުޅޭ އިދާރާތަކާއި ވާހަކަ ދައްކައިގެން، ރައީސް ޔާމީންގެ ވަކީލުންނަށް މާފުއްޓަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ދަޢުލަތުގެ ވަކީލަށް، މި މައްސަލަ ބައްލަވާ ބެންޗުގެ އިސްފަނޑިޔާރު، ޙުސައިން މަޒީދު ވަނީ ދަންނަވާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ޝަރީޢަތުން އިޢުލާންކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ައޮފްބެ

  ރައީސް ޔާމީނަކީ ގައުމުދުއް އެންމެ ބޮޑު ހީޔާނާތްތެރިޔާ...ހައްގު އަދަބް ލިބެންވާނެ!

  4
  43
  • Anonymous

   ވަޓް އަ ޖޯކް. ރައީސް ޔަމީނަކީ ހީރޯއެއް. ގައުމުގެ ތަރައްގީގެ ބާނީ ރައްޔިތުން ދެކެ އެންމެ ލޯބިވި ވެރިޔާ. މުސްކުޅިންނަށް 5000 ރުފިޔާ ދިން ވެރިޔާ. ޒުވާނުންނަށް ކިޔެވުމަށް އަހަރަކު 1000 ލޯނު ފުރުސަތު ދެއްވި ވެރިޔާ ގައުމު ދެކެ އެންމެ ލޯބިވާ ވެރިޔާ. ބަގީންނާ ގައުމު ހަވާލުކޮށްގެން މިގައުމަށް ތާހިރުގޮތެއް އެބަވޭނު.

   13
   2
 2. ޑައެލޯގް

  ހުރިހައި ކޯޓެއްގައި މިހާރުތިބީ އެމްޑީޕީގެ އެކްޓިވިސްޓުން ވީމާ ކިތަންމެ ހެއްކެއް ޖަމީލުމެން ހުށަހެޅިއަސް ވާނެފައިދާއެއްނޯނެ ހުކުމްއޮތީ އަންނިއާއިކިނބޫލިޔެދީފައެވެ.ސަދޫމް ހުކުމް

  27
  3
 3. ސޭކްސްތާން

  ރައީސް ޔާމީނާ މެދު މި ސަރުކާރުން ކަންތައް ކުރާގޮތް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެބަ އެނގޭ މުޅި ޖުޑިޝަރީއަށް އަތް ބާނައިގެން ނުފޫޒު ބޭނުންކޮށްްގެން ރައީސް ޔާމީނާމެދު ހިންގޭ ޖަރީމާތައް ﷲ އިރާދަކުރެއްވިއްޔާ ހުއްޓުމަކަށް އަންްނާނެ ދުވަހެއް އަދި އަންްނާނެ. ކިތަންމެ އާރާބާރާ މިއަދު އޮތަކަށް އެބާރުތައް ނެތިކުރެއްވުމަކީ ސިކުންތެއްގެ ކަމެއް. ފަނޑިޔާރުންނޭ ގަދަކީރިތިވަންތަ މާތް ﷲއަށް ބިރުވެތިވޭ.

  38
  3
 4. އޮޑި

  އެސްއޯއެފުން ޔާމީނުގެ އެކައުންޓަށް ޖަމާކުރ 1 މިލިއަން ޑޮލަރު އެއީ ކީއްވެ ޖަމާ ކުރި ފައިސާކަން ބުނެދެވުނު ނަމަ ޖަލަކަށް ނުލާނެ. އެފައިސާ އޭ މިފައިސައޭ ކިޔާނެ ކަމެއްނެތް ޖަމާކުރީ ކޮން ފައިސާއެއްކަން ބުނެދީފަ އަވަހަށް ޖަލުން ސަލާމަތްވޭ. އެމްއެނޕީއާރު ސީ އަށް ލިބުނު ފައިސާ އެކްސްޗޭންޖު ކުރީ އެސްއޯ އެފް އިން. އެތަނުން ޔާމީނަށް ލާރި ވަނީ. ކަލޭމެން ބޮއިގެން ތިއްބަސް އެމަޑީޕީގެ ފަހުލަވާނުން ނުތިބޭނެ މިކަމުގައި މަސްތުވެފައެއް. ލަދެއް ހަޔާތެއް ނެތެއްނު ރައްޔިތުންގެ ފައިސާ ދިރުވާލައިގެން އިތުރަށް ވާހަކަ ދައްކަން.