ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން 260 މީހުންގެ ލިސްޓެއް އުޅޭއިރު އެ ލިސްޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެންދެން ވެސް ގެންގުޅޭނެ ކަމަށާއި އެ ލިސްޓުގައިވާ އެއްވެސް މީހަކަށް ދައުވާ ނުކުރާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް އާސިފް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި މި ސަރުކާރުން އިތުރު އެއްވެސް ބޭފުޅަކަށް ނުވަތަ މީހަކަށް ދައުވާ ނުކުރާނެ ކަމަށާއި ނަމަވެސް ރައީސް ޔާމީނަށް ދައުވާ ކުރާތަން ފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދާދިފަހުން ހުޅުމާލޭގައި ހިނގާދިޔަ ރޭޕް ކޭސް އަކާއި ގުޅިގެން މުޅި ގައުމުގައި އެވާހަ ދައްކަމުން ދަނިކޮށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ހޭލާ ތިއްބަވައިގެން ދައުވާއެއް ތައްޔާރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދައުވާ އަކީ އެންމެ ފަހުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެވަނަ ދައުވާ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

"މިއީ ހަމަ މުޅިން އިދިކޮޅު ލީޑަރު ކަމަށްވުމާއި އެކުގައި ލީޑަރު ގައިގައި ހިފައިގެން އެ ލީޑަރު ޖަލުގައި ބޭއްވުމަށްޓަކައި އިދިކޮޅު ސިޔާސީ ހަރަކާތްތައް ނެތި ކޮށްލުމަށްޓަކައި ހަމަ ރާވައިގެން މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވައިގެން މި ސަރުކާރުން ހިންގާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަ ކުރަނީ. މިއީ ހަމަ ދުނިޔޭގެ އެއްވެސް ތަނެއްގައި ނެތްވަރުގެ ޑިކްޓޭޝިޕެއް މިގައުމުގައި މިއޮތީ،" އާސިފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންތަކަކީ "އުފައްދާފައިވާ" ހެކިންތަކެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ ޝަރީއަތަށް ދޮގު ހެކި ލިބިފައިވާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން އާއި ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.

"މި މައްސަލާގައި ހެކިބަސް ދިން ތިން ފަރާތުގެވެސް ޒާތީ ހަސަދަވެރި ކަމެއް ދައުވާ ލިބޭ ފަރާތުގެ މައްޗަށް އޮންނާނެކަން ބުއްދީގެ ހަމަތަކުން ބަލާލިއަސް އެބަ އިނގޭ. އަޅުގަނޑުމެންނަށް އިނގޭ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އޭގެތެރެއިން ދެ ފަރާތަކީ އެބައެއްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުނު ފަރާތްތަކެއް. އެކަކު ނާއިބު ރައީސް ކަމުން ވަކި ކުރެވުނު އަދި އެކަކު މަގާމުގެ މަސްއޫލިއްޔަތުން ވަކި ކުރެވުނު އޭގެތެރެއިން އެއް ބޭފުޅަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަ ދުއްވާލަން އުޅޭ ކަމަށް ތުހުމަތު ކުރެވުނު،" ޝާހް ވިދާޅުވިއެވެ.

މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން ވަނީ އަދީބަށް ގުޅުއްވީ ގއ. ވޮޑެމުލާގެ ފައިސާ ހޯދަން ނޫން ކަމަށާއި އޭނާ އަށް ގުޅީ ސިޔާސީ މަސައްކަތް ކުރުމަށް ލިބިވަޑައިގެންނެވި ފަސް މިލިއަން ޑޮލަރު އަދީބުގެ އަތްޕުޅުގައި ހުރުމުން އެ ފައިސާ ހޯދުމަށް ކަމަށެވެ.

"ހަމަ ތެދެއް މި ދަންނަވަނީ، ވޮޑަމުލާ އަކީ އޮންނަ ރަށެއްކަންވެސް އެނގުނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ތެރެއިން. އެއީ އަޅުގަނޑުގެ ސަރުކާރުން ދޫކުރި ރަށެއްވެސް ނޫން. އެއީ ރައީސް މަޢުމޫނުގެ ސަރުކާރުން ދޫކޮށްފައިވާ ރަށެއް. އަދީބު މަސައްކަތް ކުރެއްވީ އޭނާގެ ވަރަށް ގާތް ދެ ރަޙްމަތްތެރިންނަށް އެ ރަށް ހޯދައިދޭން." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، މުޅި މައްސަލަ އަމާޒުވެފައި މި ވަނީ އެމަނިކުފާނަށް ކަމަށާއި، ނަމަވެސް ދަޢުލަތުގެ އިދާރާތަކުން ކުރާ ހުރިހާ ކަމެއް، އެއިރަކު ވެރިއަކަށް ހުންނަ މީހަކަށް އެނގޭނެ ކަމަށް ޤަބޫލުކުރުމަކީ، ޤާނޫނު ދަންނަ ގޮތެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގލ

  2023 ގައި މައްސަލަ އަނެއް ކ ކޮޅަށް ވޭއްޓޭތަން ފެންނާނެ
  އެވެ އަދި ރާއްޖޭގެ އެންމެބޮޑު މުޖުރިމް އިންސާފްގެ ކުރިމަށްޗަށް ހާޒިރުކުރެވޭނެއެވެ ހިންގާފައި ޖަރީމާތައް ބެލޭނެއެވެ.

  34
  1
 2. ޑައެލޯގް

  ހުރިހައިކޯޓެއްގައި މިހާރުތިބީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. ދެންހުކުމް އޮންނާނީ ކިބޫއާއި އަންނި ލިޔެދީފައެވެ. ގާޒީންނަށްޖެހޭނީ އެކިޔާލާށެވެ. ސަދޫމްސިޓީ

  44
  1
 3. ހަލީލް

  ޔާމީން ވައްކަން ކޮއްގެން ކަލޭމެންނައް މަދުވީ ކޯއްޗެއް. މިހާރު މިއުޅެނީ ސަރުކާރެއް ހިންގަންވެސް ނޭނގިގެން.

  52
  2
  • އީތޭން

   ޔާމީން ވިއްޔާ ތަރައްގީ ގެނެސް ދިން.. ބްރިޖްތަކާ، ހޮސްޕިޓަލް.، ފާލަން، ފްލެޓް އަޅައިދިން... މި ވެރިކަމުގަ ރައްޔިތުންނަށް ހަމަ ސުމެއް، އެމްޑީޕީ ރޯޔަލް ފެމިލީ ގެ ޖީބް ތަށް ފުރާލަ ފުރާލާ ތިބެނީ... ޔާމީން އަޅައިދިން ފްލެޓް ވެސް ނުދީ ހިފަހައްޓައިގެން...

 4. އީތޭން

  މި އެމްޑީޕީ ވެރިކަމުގަ އިސް ވެރިންގެ ގޮތުގަ އެބަ ތިބި އެމްއެމްޕީއާރްސީގެ ހިޔާނާތުގަ ތެރޭގަ އުޅުނު މީހުން... އެ ފައިސާ ގަ ޖެހުނު ބޭނުން ކުރި މީހުން.... ކޮރަޕްޓް ވެރިކަމެއް މީ

 5. މޯޗޭ

  މިސަރުކާރުގެ ނިމުން ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަސް.