ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އިތުރު ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކީ މިހާރު ދުނިޔެ ދޫކޮށްފައިވާ ފަރާތެއް ކަމަށެވެ. އެއީ ހަނިމާދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ހުސްނުބާން އަބްދުލްރަހްމާންއެވެ. އޭނާ ނިޔާވީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އެހެންކަމުން އިލެކްޝަނުން ވަނީ އޭނާގެ ނަން ކައުންސިލް އިންތިހާބަށް ވާދަކުރި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައެވެ. ހުސްނުބާން ކުރިމަތިލެއްވީ ހަނިމާދޫ ކައުންސިލުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ މެމްބަރުކަމަށެވެ.

އިލެކްޝަނުން ބުނީ ދެ ރަށެއްގެ ކައުންސިލުގެ ރައީސް ކަމަށާއި ދެ ރަށެއްގެ ކައުންސިލު މެމްބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެ ހަތަރު ކެންޑިޑޭޓުންގެ ނަންތައްވެސް ލިސްޓުން މިހާރު އިލެކްޝަނުން ވަނީ އުނިކޮށްފައެވެ.

އެ ހަތަރު ކެންޑިޑޭޓުންނަކީ:

  • ށ. މިލަންދޫ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލެއްވި އިބްރާހިމް ސާއިލް (ޖުމްހޫރީ ޕާޓީ)
  • ނ. މަގޫދޫ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލެއްވި ސައުދު މުހައްމަދު (ޕީޕީއެމް)
  • ނ. ފޮއްދޫ ކައުންސިލުގައި އަންހެނުންނަށް ހާއްސަ ދެ ގޮނޑިން އެއް ގޮނޑިއަށް ކުރިމަތިލެއްވި ހަލީމަތު ފިއުނާ (ޕީޕީއެމް)
  • ހދ. ނޭކުރެންދޫ ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލެއްވި އަހްމަދު އާސިފް (އަމިއްލަ ގޮތުން)

ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން މި އަހަރު އޭޕްރިލް މަހު ބާއްވަން ތާވަލު ކުރި ކައުންސިލް އިންތިހާބު ފަސް ކޮށްފައިވާއިރު، މި އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބާއްވަން މަޝްވަރާތައް ދަނީ ކުރަމުންނެވެ. އެހެންކަމުން އިންތިހާބަށް އަދި ނުވަ ވަރަކަށް މަސް އެބަ އޮތެވެ.

ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމެވެ.

އީސީން ބުނީ .ފޯމު ހުށަހަޅާފައި ވަނީ ކޮމިޝަނުގެ އީމެއިލް [email protected] އަށް ކަމަށެވެ. އަދި މި ދުވަސްވަރު ފޯމް ބަލައިގަންނާނީ މެއިލް މެދުވެރިކޮށް އެކަނި ކަމަށްވެސް ބުނެފައި ވެއެވެ.

އީސީން އިތުރަށް ބުނީ، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އަންގާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ،ގާނޫނުގައިވާ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައި އިންތިހާބު ބޭއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާލު

    ކޮބާ ނަން ނަގައިފީމޭ ކީ އެމްދީޕީ އަންހެން މަންޖެ،

    6
    2
  2. ނަައީމް

    އުނިވެފަ އޮޅިގެން އަންހެންވެރިންގެ އިއްފަތް ނަގާލާ ސަރުކާރުން މިހުޅެނީ ކުރިޔަށް ކިތަށްކުޅި؟؟؟