މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި ވަނީ އަދީބުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީޢަތް މިއަދު 13:00 ގައި ކުރިއަށް ގެންދިއުމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ޝަރީޢަތް މިއަދު ކުރިއަށް ގެންދާނެއެވެ.

މިއަދު ޝަރީޢަތް ބާއްވާ މައްސަލަތުގައި އަދީބުގެ މައްޗަށް އާ ދައުވާތަކެއް ކުރަން ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެމްއެމް ޕީއާރްސީ މައްސަލައިގައި އަދީބު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

އެއެއްބަސްވުމުގެ ދަށުން އަދީބު ކުށަށް އިއުތިރާފުވެ، ފުލުހުންނަށާއި ޕީޖީ އަށް ޝަރީޢަތައް އެއްބާރުލުން ދޭނެއެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އަދީބުގެ އަދަބު ކުޑަކޮށްދިނުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން އެންމެ ފަހުން ތާވަލް ކުރީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެދުވަހުގެ ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ. އޭގެ ކުރިން ޖަނަވަރީ 26 ވަނަ ދުވަހާއި ޖަނަވަރީ 21 ވަނަ ދުވަހު ވެސް ޝަރީޢަތް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭކްސްތާން

    ރައްޔިތުން ލޭ ކެކި އިދިކޮޅުން ބޮޑު ޖަލްސާއަކށް ތައްޔާރުވީމާ އެއްކަލަ ކުށެއް ނެތް މައުސޫމް މީހާގެ ޝަރީއަތް ފަށަނީ. ރައީސް ޔާމީނާ ދެކޮޅަށް ސަރުކާރުން މި ބޮޑު މުޖުރިމު ލައްވާ ވަނީ ދޮގު ހެކިދީފަ. މި ނޫން ދުވަހެއް އޮތްކަން ދަންނާތި.