މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ކުރަން ނިންމައިފިއެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ މިސްކިތްތަކުގައި ހުކުރު ނުކުރާތާ މިހާރު ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ 10 ޖުލައި ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތައް ބަންދު ކުރިއިރު މާލެ އިން ކޮވިޑް-19 ނުފެނެއެވެ. މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދު ކުރީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޮވިޑް-19 ފެނި މާލެ ފުރަބަންދުކޮށް، އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދު ކުރިއެވެ.

މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ވަނީ ޖަމާޢަތުގައި ނަމާދު ކުރަން ފަށާފައެވެ. ނަމަވެސް ހުކުރު ކުރުމުގެ ހުއްދަ އޮތީ ނުދީއެވެ. އެއީ ހުކުރު ނަމާދަކީ އެތައް ހާސް ބަޔަކު ޖަމާވާ ނަމާދަކަށް ވާތީއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިސްކިތްތައް ބަންދުކޮށްފައި ގިނަ ދުވަސްތަކެއްވި ފަހުން މިސްކިތްތައް ހުޅުވާލީ ކޮވިޑް-19 ނެތް ރަށްރަށުގައި މިސްކިތްތައް ހުޅުވާލަން ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.

މިހާރު މާލޭ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލާފައި ވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. ރައްކާތެރިކަމުގެ ގޮތުން ނަމާދު ކުރު ކުރުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ވުޟޫ ކޮށްގެން މިސްކިތައް ދިއުމަށާއި މިސްކިތައް ދާއިރު މުސައްލަ ގެންދަން ވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ސުރުހީ ތިއޮތީ ނުބައިކޮށް.

    • ޣ

      ކުރިން ވެސް ކުރި ހުކުރު ނަމާދު.

  2. ޢައިސަ

    الحمدلله رب العالمين

  3. ާދެރަކަމެއް

    ﷲއަކްބަރު!

  4. Anonymous

    Alhamdhulilahi