ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ (ޕީޖީ)ގެ އިދާރީ މުވައްޒަފެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެތަނުގެ މަސައްކަތު މުވައްޒަފެކެވެ. މިހާރު އެ އޮފީސް ބަންދުކޮށް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަދި މީޑިއާ އޮފިސަރ އަހުމަދު ޝަފީއު "ވަގުތު"އަށް ވިދާޅުވީ، އެތަނުން ކޮވިޑް-19 އަށް މުވައްޒަފަކު ފައްސިވުމާއި ގުޅިގެން މިހާރު މުވައްޒަފުން މަސައްކަތް ކުރަމުން ދާނީ ގޭގައި ކަމަށެެވެ.

"އޮފީހުގެ އިދާރާއި މުވައްޒަފެއް ކޮވިޑް-19 އަށް ފައްސިވީ، އަހަރުމެން މި ހަފްތަގައި މަސައްކަތް ކުރަނީ ދެ ހަފްތާއަށް ބަހާލައިގެން، ފުރަތަމަ ހަފްތާގައި ގްރޫޕް 1 އޮފީހަށް ނުކުންނަ ގޮތަށް، ދެން އަންނަ ހަފްތާގައި ގްރޫޕް 2 ނުކުންނަ ގޮތަށް، ދެން މިއަދު މިއީ ފަސް ވަނަ ދުވަސް ތާ، ދެން މިއަދު މިކަން އެނގުނީމަ، ފުރަބަންދުގައި ހެދި ގޮތަށް ގޭގައި މަސައްކަތް ކުރާ ގޮތަށް ބަދަލުކުރީ". ޝަފީއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މުވައްޒަފަކީ އިދާރީ މުވައްޒަފެއް ކަމުން އޭނާ މަސައްކަތް ކުރަމުން ގޮސްފައި ވަނީ ވަކީލުން ތިބޭ ފަޅީގައި ނޫން ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގއަށް މައުލޫމާތު އެއްކޮށް، އެ މައުލޫމާތު އެޗްޕީއޭއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2517 އަށް އަރާފައެވެ. އަދި މީގެ ތެރެއިން 2180 ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    އެމީހާ އޮފީހަށް ދާން އެރީ ވެލާނާގެ ލިފްޓަށް. އެލިފްޓަށް ކިތައް މީހުންއެރި؟ ވަކީލުންވެސް އޮފީހަށްދިޔައީ އެ ލިފްޓަށް އަރައިގެން! ފައްސިވާ އަދަދު އެނގޭނީ އަދި ދުވަސްކޮޅެއް ފަހުން.