"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުން އެކަން ލިއުމުން އެންގުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެދިއްޖެއެވެ.

ޕްލޭނިން މިނިސްޓްރީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިމަހުގެ ފަސްވަނަ ދުވަހު ކޮށްފައިވާ އިއުލާންގެ ދަށުން "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލުމުން ހުޅުމާލެއިން ބިމެއް ނުވަތަ ފްލެޓެއް ލިބޭނެ ކަމަށް ލިއުން ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އަދި މި މަސައްކަތް ކުރުމަށްޓަކާ އެފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ފަރާތްތަކުން މިނިސްޓްރީއަށް ލިއުން ހުށަހެޅުމަށް އެދޭކަމަށް އެމިނިސްޓްރީގެ އިއުލާންގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓްރީއަށް ލިއުން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށި ފްލެޓުތަކުން ބޯހިޔާވަހިކަން ދޭނެ ކަމަށް ލިއުން ދޫކޮށް މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކާއި މާލެއިން ބިން ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ލިއުން ދޫކޮށް އަދި މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތައް ކަމަށް އެ އިއުލާންގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން މި ފަރާތްތަކުން ލިއުން ހުށަހަޅާއިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ، ގާކޮށި ނުވަތަ ހުޅުމާލެއިން ފްލެޓެއް ނުވަތަ ބިމެއް ދޫކުރާނެ ކަމަށް ސަރުކާރުން ދޫކޮށްފައިވާ ލިއުމާއި، އައިޑީކާޑު ފޮޓޯކޮޕީގެ އިތުރުން ދޫކޮށްލުމަށް ނިންމި ގޭގެ ރަޖިސްޓްރީ ހުށަހެޅުމަށް އެމިނިސްޓްރީގެ އިއުލާންގައި ވަނީ އެދިފައެވެ. އަދި މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން މި ލިއެކިއުންތައް ހުށަހެޅުމަށް އެމިނިސްޓްރީގެ އިއުލާނުގައި ވަނީ އެދިފައެވެ.