ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 22 އަހަރުގެ ބިދޭސީ ފިރިހެން މީހާގެ ބަންދުގެ މުއްދަތު މި މަހުގެ 6 ވަނަ ދުވަހު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހުގެ މުއްދަތެއް ބަންދުގައި ބެހެއްޓުމަށް ދީފައިވާ ކަމަށެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ 3 ވަނަ ފަހަރެވެ.

މި މީހާ މާރާލާފައި ވަނީ ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޖަހަމްތަކަކާއި އެކީ އޭނާ މަރުވެފައި އޮތްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއިންނެވެ.

މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މޭއި މަހުގެ 21 ވަނަ ދުވަހުގެ މެންދަމުން އަލިވެ 1:00 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.