ދުންފަތާއި ރަލުން ޑިއުޓީ ކުޑަ އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާ ކުރިއިރު މުޅި މަޖިލީހުގެ ކޮމެޓީން ނިންމާފައިވާ ނިންމުން އިސްލާހު ކުރުމަށް ހުށަހަޅައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް ގެންނަ ބައެއް ތަކެތިން 50 ޕަސެންޓު ޑިއުޓީ ކުޑަ ކުރުމަށް ވަނީ ފާސްކޮށްފައެވެ. އޭގެތެރޭގައި ދުންފަތާއި ރަލުގެ ބާވަތްތައް ހިމެނެއެވެ. އެކަން އެގޮތަށް ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.

މުޅި މަޖިލީހުން ނިންމާފައިވާ އެ ނިންމުން އިސްލާހު ކުރުމަށް ހުށަހެޅީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްއެވެ. އޭނާ ވަނީ ތިން އިސްލާހެއް މުޅި މަޖިލީހުގެ ކޮމެޓީއަށް ހުށަހަޅާފައެވެ. އެއީ ޑިއުޓީ ކުޑަ ކުރަން ނިންމި ޗެޕްޓަރު އެއްކޮށް އުނި ކުރުމަށް ހުށަހެޅި އިސްލާހެކެވެ. އޭނާ ހުށަހަޅާފައިވާ އިސްލާހުތަކުގައި ވަނީ ދުންފަތާއި ދުންފަތުން ތައްޔާރު ކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ކުޑަ ނުކުރުމަށް ހުށަހަޅާފައެވެ.

އަދި ވޭޕްއާއި އީ- ސިނގިރޭޓާއި އޭގެ ބާވަތްތަކުންވެސް ޑީއުޓީ ކުޑަ ނުކުރުމަށް އިސްލާހުތަކުގައި ވަނީ ބުނެފައެވެ.

އުތުރާއި ދެކުނުގެ ޕޯޓުތަކަށް ގެންނަ މުދަލުން 50 ޕަސެންޓު ޑިއުޓީ ކުޑަ ކުރަން ހުށަހެޅީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. އެ އިސްލާހު އޭނާ ހުށަހެޅުއްވީ އެ ސަރަހައްދުތަކުގައި ވިޔަފާރީހެ ހަރަކާތްތައް އިތުރު ކުރުމުގެ މަގުސަދުގައެވެ.