ރައްޔިތުންގެ މަޖިލީހުގެ އިތުރު މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން "ވަގުތު"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެ އިދާރާއިން މިފަހަރު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެތަނުގެ ޑްރައިވަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު "ވަގުތު"އަށް ވިދާޅުވީ، އެ މުވައްޒަފު ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ މިއަދު މެންދުރު ކަމަށެވެ. އަދި މިހާރު އެޗްޕީއޭ ގުޅިގެން އޭނާގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

އަދި ކުރިން އެތަނުގެ އިދާރީ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމުން ކަންތައް ކުރި ގޮތަށް، އެ އިދާރާ ޑިސްއިންފެކްޓްކޮށްފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ޒިޔާއު ވިދާޅުވީ، އެ މުވައްޒަފު ފައްސިވި ނަމަވެސް، ރައްޔިތުންގެ މަޖިލީސް ކުރިއަށް ދާނެ ކަމަށެވެ.