ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފުރަބަންދަށް މިހާރު ދެމުންދާ ލުއިތަކާއި ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރެއްވުމަށް ނިންމަވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަަނީ މިއަދު ހަވީރު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުކީ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ކޮވިޑް-19 ގެ ޙާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ސިލްސިލާ ގޮތަކަށް ބާއްވަވަމުން ގެންދަވާ ބައްދަލުކުރެއްވުމެއްް ކަމަށެެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި އާންމު ދިރިއުޅުން ބަހައްޓަންވީ ގޮތްތަކާއި، މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި، ސިއްހީ ދާއިރާއިން މިކަމަށް ވަމުންދާ ތައްޔާރީތަކާއި، ދިމާވާ ގޮންޖެހުންތަކުގެ އިތުރުން މި ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގެ ބައިވެރީންނާއި ރައީސް ސާލިހު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ޞިއްޙީ ދާއިރާގެ މާހިރުން އަދި ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިސް ވެރިންނާއި، ފުލުހުންނާއި، ސިފައިންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިނެކް

    ގުޅާ ގުޅާ ވަރުބަލިވާއިރު ވެސް 1676 އިން ޖަވާބެއް ނުދޭ ދެން ކޮންތާކައް ގުޅާނީ

  2. ހަމްދަރު

    ކޮބާ ރައިސް މިއަދު ކީރިތި ކުރެއްވިތޯ؟