ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މެދުކެނޑުމަކަށްފަހު މާދަމާ މާލެ ސަރަޙައްދުގައި ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދޭއިރު، މި ސަރަޙައްދުގައި ކުރެވޭ ހުކުރު ނަމާދުގެ ޚުތުބާ ކުރުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށް މިރޭ ވިދާޅުވީ، ހުކުރު ނަމާދުގެ ޚުތުބާ ކުރުކުރަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ކަމަށެވެ. އަދި މާދަމާ ހުކުރު ނަމާދަށްދާ ފަރާތްތަކުން މިސްކިތަށް ވަޑައިގަންނަވާއިރު، މާސްކު އެޅުމަށާއި މުސައްލަ ގެންދިއުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތައް ބަންދު ކުރިއިރު މާލެ އިން ކޮވިޑް-19 ނުފެނެއެވެ. މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދު ކުރީ މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ވަނީ ޖަމާޢަތުގައި ނަމާދު ކުރަން ފަށާފައެވެ. ނަމަވެސް ހުކުރު ކުރުމުގެ ހުއްދަ އޮތީ ނުދީއެވެ.

މިހާރު މާލޭ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލާފައި ވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. ރައްކާތެރިކަމުގެ ގޮތުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމަށާއި، ނަމާދު ކުރު ކުރުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

:ނަމާދަށްދާ މީހުން ސަމާލުކަންދޭން ޖެހޭ މިންގަނޑުތައް

1. ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން
2. މުސައްކައެއް ގެންދިއުމާއި މާސްކު އެޅުން
3. މިސްކިތަށް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
4. މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަރުން ފެށިގެން ފުރަމުން ގެންދިއުން
5. އަނެކާގެ މުސައްލަ މައްޗަށް ވާގޮތަށް މުސައްލަ ނޭޅުމާއި، އެމީހެއްގެ މުސައްލަ މަތީގައި އެމީހަކު ހުރުން
6. ރޯނގާ ޖެހިފައި، ނުވަތަ ކެއްސާނަމަ، ނުވަތަ ހުން އައިސްފައިވާނަމަ، މިސްކިތަށް ނުދިއުން
7. ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުން
8. ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުން
9. މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަދާ އަތްޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަމުން ދުރުހެލިވުން
10. މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ސައިހޮޓާ ރެސްޓޯރެންޓު ކެފޭ ތަކުގައި ކިތަންމެ ގިނަ އިރު ތިއްބަސް އެއީ މައްސަލައެއް ކަމަށް ނުވޭ.

 2. Anonymous

  ކުޅިވަރު 'ވިޔަފާާރި ،ކޮފީ ، ބާޒާރު ކުރުން ، ދެމިނެޓަށް ކުރުކުރަން ފެނޭ.

 3. އަނަތު

  ކުޅިވަރު 'ވިޔަފާާރި ،ކޮފީ ، ބާޒާރު ކުރުން ، ދެމިނެޓަށް ކުރުކުރަން ފެނޭ.

 4. އައިދާން

  ހުކުރު ޖަމާއަތް މިއަދު ބޭއްވުމުން ވަރަށް އުފާވޭ.... Alhamdhulilahi