ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ އެއްބައިވަންތަކަން އާލާކުރުމަށް ދީނީ އިލްމުވެރިން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު ދަންނަވައިފިއެވެ.

އިސްލާމީ މަރުކަޒުގައި ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތައް ބަންދުކުރުމާއި ޖަމާއަތުގައި ނަމާދު ކުރުން ފަދަ އުނދަގޫ ކަންކަން ނިންމަން ޖެހުނު ކަމަށެވެ.

އަދި، އެ ދަތި ދަނޑިވަޅުގައި، ގައުމުގެ ދީނީ އެއްބައިވަންތަކަށް ދަމަހައްޓައި، އާލާ ކުރުމަށް ދީނީ އިލްމުވެރިން ބުރަ، އަދި މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވި ގޮތުގައި ގައުމު މިއޮތް ހާލަތަށް ރުޖޫއަވެވުނީ ހުރިހާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއިންނެވެ. ފުރަބަންދުގެ ހާލަތަށް ލުއިތަކެއްދީ މިސްކިތްތައް އަލުން ހުޅުވާލައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމުގެ ތައުފީގް މާތް ﷲ މިންވަރު ކުރެއްވުމަކީ އެމަނިކުފާނު އުފާ ކުރައްވާ ކަމެއް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ގައުމުގައި ހުރި އިޖްތިމާއީ މައްސަލަތައް ހައްލުކޮށް، ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، ގައުމު ބިނާކޮށް ތަރައްގީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދީނީ އިލްމުވެރިންނަށް ވަރަށް އިސް ދައުރެއް އަދާ ކުރެއްވޭނެ ކަމަށެވެ. އަދި، މި ކަމުގައި ސަރުކާރާއެކު މަސައްކަތް ކުރައްވާ، ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ދީނީ އިލްމުވެރިންގެ އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިސްލާމީ މަރުކަޒުގައި ވެފައި ހުރި ތައްޔާރީތައް ބައްލަވާލައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑ. އަހުމަދު ޒާހިރާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި ވެސް ދީނީ އިލްމުވެރިންނަށް ޝުކުރު ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ޢިލްމުވެރިން ދެއްކެވި ވާހަކައިގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ތިއްބެވިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިސްލާމީ މަރުކަޒުގައި މާދަމާ ޖަމާޢަތުގައި ހުކުރު ނަމާދު ކުރަން ފެށުމަށް ކުރަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަބަރޭ

    ދައުލަތުން ރައްޔިޔުންގެ ޓެކުސް ފާއިސާއިން ބޮޑުމުސާރަދެއްވާފާއި ރިބަން ކެޑުމަށާއި ޝުކުރު އަދާކުރުމަށް ހުންނަވާ ތަރަފާލު ލޮޖިސްޓެއް (ފޮޓޯއިން ފެންނަ)
    ބޮޑުވަރު

    10
    2
  2. ޙަސަނާ

    ޖަމާއަތުގާ ނަމާދުކުރުމޭ ބުނާއިރައް އެހެންވިއްޔާ ޖިމްތަކާޕާކުތައްވެސް ހުޅުވެންޖެހޭނޭ ބުނާލީޑަރުން މިއަދުތިބިކަމީ ހިތާމަކުރާކަމެއް ދެރައީ ފަރުލު ނަމާދުގަ މިކަމުންރައްކާތެރިކަން ދެއްވުން އެދި ﷲ އައް ދުއާކުރަން ނާންގާތީ ދުއާ އަކީ މުއުމިނުންގެ ހުރިހާވެސްބާރަކީ

    9
    1
  3. އޮޅުވާލި ވޯޓު

    ނައިބުރައީސް ކަޑައެޅިގެން ތިޔަކުރައްވާތައުރީފަކީ މީހުނައްދައްކާކުލަވަރެ ގައުމުގާ ދީނީގޮތުން ބޮޑެތިޖަރީމާހިންގަމުން ދާއިރު ޓޭޕުއަޅާގެން ނައިބުރައީސްހުންނަނީ އެކަން ނޭގޭމީހެއްމެތް ދެންކީކޭކިޔަނީ

    11
    1
  4. ޙހހހ

    ނައިބް ރައީސެއް ހުރޭތަ ،

  5. ބަކުރު

    ނައިބު ރައީސްވެސް ހިމެނެނީ ލާދީނިއްޔަތަށް ހިތްވަރުދޭމީހެއްގެ ގޮތުގަ ދަޅަދެއްކުމަކީ ރަށްޔަތުންގެލޯބި ލިބޭނެކަމެއްނޫން.

  6. ޖަޒީރާމަނިކު

    ދީނީ އިލްމުވެރިން ކުރިކަމަކީ އިސްލާމީމަރުކަޒު ކާޕެޓްމަރީ ރޫއަރާގޮތަށް ތަރުފާލު އެޅުން. އެހެންކަމެއް ނުކުރޭ. ޖިންސީ ފުރައްސާރަ އާއި ރޭޕްގެ މައްސަލަތައް އިންތިހާއަށްދާ އިރުވެސް ދީނީ އިލްމުވެރިންގެ ފަރާތުން އަދި އެއްވެސް ބަހެއް ނުބުނޭ. ރޯޔަލް ރޭޕްގެ މައްސަލަވެސް މިހާރު އެވަނީ ނުވާކަމަކަށްހަދާ ނިންމާލާފަ. އިލްމުވެރިން މިހާރިތޔަތިބީ ސަރުކާރުން ފައިސާދޭތީ ބަހެއްބުނަން ނުކެރިފާ.

  7. Anonymous

    ކޮބާ ދަކްތަރު އިޔާޒް ،އިލްޔާސޫ، ޒައިދު. އަވަހަށް ވީހާވެސް ބާރަކަށް އަތް ޖައްސަވާ. ބައްތިރީސް ދަތް ބޭރަށް ނެރެ ދައްކާލާ! ވަރުގަދަ ސަރަފެއް އެދެއްވީ.! ހާދަ ރަނގަޅޭ! ނައިބު ރައީސް.!! ދެން ހެޔޮ! ބޭނުން ދީނާ ކަށް އުޅެން ފުރުސަތު ދިނަސް!!

  8. Anonymous

    ދީނީ އިލްމުވެރިންނާއެކު މި ސަރުކާރުން ހާދަ ގިނަގުނަ މަސައްކަތެކޭ މިކުރައްވަނީ! އަންތަރީސް ވާވަރުވޭ! ޢިލްމުވެރިން ވިދާޅުވާ ގޮތަށް ނޫނީ ހަމަ ފިޔަވަޅެއް ވެސް މި ސަރުކާރަކުން ނާޅާ!! ބާރަށް އަތްޖަހާ އެޗެންޑާ 19!!