ކޮވިޑް-19 ގެ ސަބަބުން އެނގިގެން ދިޔައީ އިންސާނާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތް ކަން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ވަނީ ކޮވިޑް-19 އާ ގުޅިގެން މީގެ ދުވަސްތަކެއް ކުރިން ތަހަންމަލު ކުރަމުން ދިޔައީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ފުރަބަންދުވެ ވަރަށް ގިނަ ހިދުމަތްތަކުން މަހްރޫމްވެގެން ދިޔަ ކަމަށެވެ. އާންމު ހާލަތަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ސަބަބުން ހިތްދަތިކަމާއި ނުތަނަވަސްކަން ވެރިވި ކަމަށް ވެސް ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ބައެއް ސަރަހައްދުތަކުގެ މިސްކިތްތަކުގައި ގާއިމު ކުރެވޭ ފަރުޟު ފަަސް ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުމުގެ ސަބަބުން އެތައް ބަޔަކަށް ފުން އަސަރުތަކެއް ކުރި ކަމަށާއި ނަމަވެސް ﷲ ގެ ތަނަވަސް ރަހްމަތުން މިއަދު މިސްކިތްތައް ހުޅުވި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ފަރުޟު ފަސް ނަމާދުގެ ޖަމާއަތް ގާއިމު ކުރުމުގެ ފުރުސަތު ފަހިވި ކަމަށް ހުތުބާގައިވެއެވެ.

އަދި އާންމު ދިރިއުޅުމަށް ލުއިތަކެއް ލިބިފައިވާ ކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އާންމު ސިއްހަތު ހެޔޮ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތޮއްޖެހިގެން ނޫޅުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ގިނަ ގިނަ އިން އަތް ދޮވުމާއި އާންމު ސާފުތާހިރު ކަމާއި ގައިދުރުކަމާއި މާސްކް އެޅުން ފަދަ ކަންކަމަށް ސަމާލުވުމަށް އިންތިހާ ދަރަޖައަށް މުހިންމު ކަމަށް ވެސް ހުކުރު ހުތުބާގައިވެއެވެ.

"އިންސާނުން ކުރަމުން އައި ނޭދެވޭ އެތައް ކަމަކުން ދުރުހެލިވެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އިހްތިރާމް ކުރަން މަޖުބޫރު ކުރުވީ ކޮން ކަމެއް ހެއްޔެވެ؟ ލޮލަށް ނުފެންނަ ކުޑަ މަހްލޫގެއްގެ ސަބަބުން ބިރުވެރިކަމާއި ނާމާންކަން ވެރިވެ އާންމު ހިދުމަތްތައް ހުއްޓި އިގްތިސާދީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިވުމުން އިންސާނުންނަށް ލިބިގެން ދިޔައީ ކޮން ފަދަ ބޮޑު އިބުރަތްތެރި ފިލާވަޅެއް ހެއްޔެވެ؟" ހުކުރު ހުތުބާގައިވެއެވެ.

"ޝައްކެއް ވެސް ނެތެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް ކޮވިޑް-19 ގެ ސަބަބުން އެނގިގެން ދިޔައީ އިންސާނާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތް ކަމެވެ،"

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިދާން

    ވަރަށް ބޮޑު ހަގީގަތެއް.... ވަރަށް ބޮޑަށް އުފާވި މިއަދު ހުކުރުގެ ޖަމާއަތް އޮތީމަ.... އުފާވެރި މަންޒަރެއް. Alhamdhulilahi

    22
  2. ރާބުރި

    އެއިން އެނގުނީ ކަލޭމެންގެވެސް ބާރެއް ނެތްކަން.

  3. ކެޔޮޅު

    އިންސާނާގެ ބާރެއް ނެތްކަން މިއުޅޭ ނަޝީދުއަށާއި ސޯލިހުއަކަށް އަދިވެސް ނުވިސްނުނު މާތްﷲ މިދެބޭފުޅުންނަށް ހެޔޮވިސްނުންދެއްވާށިއެވެ .

  4. ކަޅުބެ

    ބުއްޅަބެޔަށް އެނގޭބާ ބާރެއްނެތްކަން ހުކުރުހުތުބާގަ ތިހިންބުނެލިޔަސް އޭނަ ގަބޫލެއް ނުކުރާނެ އެއީ ހުކުރު ހުތުބާތެރެޔަށް މީހަކާދިމާލަށް އެއްޗެހިކިޔާފަ ލިޔުންއެޅީ މިމީހާ.