ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ގެ ކޮއްކޮއަކު ކޮވިޑް-19 އަށް ފައްސިވުމުން އޭނާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށާއި ނަތީޖާ ނައްސި (ނެގެޓިވް) ވެފައިވާ ކަމަށް މެންބަރު ފިއްޓެ ވިދާޅުވެއްޖެއެވެ.

ފިއްޓެ ވިދާޅުވީ އޭނާގެ ކޮއްކޮ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރަން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން އެންގި ކަމަށެވެ. އެއީ ފިއްޓެ އާއި ކޮއްކޮ ބައްދަލުވެފައި ނުވާތީއެވެ.

ނަމަވެސް ބަލި ނުޖެހޭކަން ކަށަވަރުކުރަން އަމިއްލަ އަށް ހެދި ޓެސްޓުގެ ނަތީޖާ ލިބުނުއިރު ނައްސިވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އެޗްޕީއޭ އަށް ގުޅުމުން ބުނީ ޑައިރެކްޓް ކޮންޓްކެޓްވާ މީހުން އެކަންޏޭ ޓެސްޓުކުރަނީ މިހާރު. ކޮންޓެކްޓް ނުވަންޏާ ނުޖެހޭނެއޭ ކަރަންޓީނުގައި ހުންނާކަށް،" ފިއްޓެ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑްރައިވަރަކު ވެސް އިއްޔެ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން ވިދާޅުވެފައި ވަނީ އާއްމު އުސޫލުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި އަންނަ ހަފްތާގައި ވެސް މަޖިލިސް ޖަލްސާތައް އޮންނާނެ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 2553 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 227 މީހަކު ވަނީ މިހާރު ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ޖެހިގެން 13 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް-19 ޖެހިފައި ރާއްޖޭގައި މިހާރު ތިބީ 306 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިސް

    ކޮވިޑަށް ނައްސި ވިޔަސް ލާދީނީ ސަރުކާރަށް ސަ ޕޯޓް ކުރާތީ ލާދީނަށް ފައްސި ކަމަށް މި ބަލަނީ..

    14
    3
  2. ލަތާ

    މިގައުމު ހަލާކު ކުރާ އެންޑީޕީއެއް.