ބ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ބޮޑުފިނޮޅުގައި މިމަހުގެ ދެވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ބަންދުކޮށްފައި ތިބި ބިދޭސީންގެ ތެރެއިން ބައެއް މީހުންގެ ހާލު ގޯސް ކަމަށް އެފަރާތްތަކުން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން، އެރަށުގައި ހުރި ބިދޭސީއަކާއި ހަވާލާދީ "ސަން އޮންލައިން" ގައި ބުނެފައި ވަނީ، ތިން ބިދޭސީއެއްގެ ހާލު ގޯސްވެ ފަރުވާއަށް ބޭނުންވެފައިވާ ކަމަށެވެ. އޭގެތެރޭގައި ފަޔަށް މޮހޮރެއް ހެރިގެން ފަރުވާ ބޭނުންވާ ބިދޭސީއަކާއި، ގައިގައި ބޮޑެތި ބިހިތަކެއް ނަގައި ހަށިގަނޑު ފާރުވަމުން އަންނާތީ ފަރުވާއަށް އެދޭ މީހަކާއި، ދަތެއްގައި ރިއްސާތީ ފަރުވާ ބޭނުންވާ މީހަކު ހިމެނޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ބިދޭސީ މީހާ އެ ނޫހުގައި ބުނެފައިވާ ގޮތުން، ރަށުގައި ތިބި ފުލުހުން އަންނަނީ ބިދޭސީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފުލުހުންގެ އެހީތެރިކަން ފާހަގަކޮށް އޭނާ ބުނެފައި ވަނީ، ބޭހާއި ބޭނުންވާ އެއްޗެހި ފުލުހުން ގެނެސްދިން ނަމަވެސް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން ކަންބޮޑުވާ ކަމަށާއި، ބަލިވެގެން އުޅޭ ތިން ބިދޭސީން ބޭސް ކައިގެންވެސް ރަނގަޅުނުވާ ކަމަށެވެ.

ބިދޭސީން ވަނީ ހާލު ގޯސް ވަމުން އަންނަ މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ނެތުމުން، ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމުގެ ގޮތުން ސިޓީއެއް ވެސް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުން ބޮޑު ފިނޮޅުގައި 204 ބިދޭސީން މިވަގުތު ތިބިއިރު، މިއިން އެއްވެސް މީހަކަށް ފާއިތުވެދިޔަ ހަމަސް ދުވަހުގެ މުސާރަ ނުލިބެއެވެ. މި އެންމެންނަކީވެސް ރިޒް މޯލްޑިވްސްގެ މުވައްޒަފުން ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ބިދޭސީ މީހާ އިތުރަށް ބުނެފައި ވަނީ، މި ދަނޑިވަޅުގައި އެހީތެރިކަމެއް ލިބޭތޯ އެމީހުން ނިސްބަތްވާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަ، އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު، އަލީ ރިޒާއަށް ވެސް ގުޅަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ ރިޒާގެ ފަރާތުން އެހީތެރިކަމެއް އަދި ހަމަޖެހޭގޮތް ނުވާ ކަމަށް ބިދޭސީ މީހާ ބުންޏެވެ. އެހެންކަމުން ރިސޯޓުގައި ތިބި ބިދޭސީންނަށް، އެމީހުންގެ ކުންފުނިން އެއްވެސް އެހީއެއް ނުލިބި، ޒިންމާވާނެ ފަރާތެއް ނެތުމުން ކަންބޮޑުވާކަން ބިދޭސީ މީހާ ވަނީ ފާހަގަކޮށްފައެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް މިއަހަރުގެ ޖެނުއަރީން ފެށިގެން މުސާރަ ނުލިބެއެވެ. މިކަމަށް އެކި ފަހަރު މަތީން އިދާރާތަކުގެ ސަމާލުކަމަށް ގެނެސްގެންނާއި އެނޫން ގޮތްގޮތަށްވެސް ޙައްލެއް ހޯދޭތޯ ބިދޭސީން މަސައްކަތް ކޮށްފައި ވެއެވެ. ބޮޑު ފިނޮޅުގައި ބިދޭސީން މިމަހު ހަމަނުޖެހުން ހިންގާފައި ވަނީ މުސާރައިގެ މައްސަލައަށް އެއްވެސް ޙައްލެއް ނުލިބި އެތައް ދުވަހެއްވެފައި ވުމުން ހިތްހަމަ ނުޖެހިގެންނެވެ.

މިމަހުގެ ދެވަނަ ދުވަހު ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން 12 ދިވެއްސަކު ރަހީނުކޮށްފައި ވެއެވެ. އެއަށްފަހު މައްސަލަ ފެންމަތިވުމާއި ގުޅިގެން ފުލުހުން އެރަށަށް އެރުމަށް މަސައްކަތް ކުރުމުން އެކަމަށް ހުރަސް އަޅައި ބިދޭސީން ވަނީ ފުލުހުންނަށް ހަމަލާވެސް ދީފައެވެ. ނަމަވެސް ފަހުން ތައްޔާރީ ހާލަތުގައި މާލެއިން ދިޔަ ފުލުހުންގެ ޓީމަކުން ވަނީ އެރަށަށް އަރައި، ރަހީނުކުރި ދިވެހިން ސަލާމަތްކޮށް ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައެވެ.

ބިދޭސީން ދިވެހިން ރަހީނުކުރި ނަމަވެސް އެމީހުންނަށް އެއްވެސް އަނިޔާއެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެރަށުގައި ބޭނުންކުރާ ހުރިހާ ވެހިކަލަކާއި އެނޫންވެސް ގިނަ ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްފައި ވެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި 19 ބިދޭސީއަކު އެބަތިއްބެވެ. އެމީހުންގެ މައްސަލަ ފުލުހުން މިހާރު ތަހުޤީޤު ކުރަމުން އަންނައިރު، ބިދޭސީން ނިސްބަތްވާ ކުންފުނީގެ މައްސަލަވެސް ތަހުޤީޤު ކުރަމުން އަންނަކަން އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތިނަދޫ

    މިނިސްޓަރ ނުވީ އިސްތިއުފާ

  2. ހަޖަމް

    އެމް.ޑީ.ޕީއަކީ އޯގާތެރިކަމުގެ މަންމައޯ! އެކަމަކު އެމް.ޑީ.ޕީގެ ރިޒާކުނފުނީގެ ހުރިހާ މުއައްޒަފުން އެތިބީ 7މަސްދުވަހު މުސާރަނުދީ އެމީހުންލައްވާ ބުރަމަސައްކަތް ކޮށްފަ. ވިސަނެތް އެތައްބަޔަކު އަނިޔާވެރި ގޮތުގައި އެބަ ގެންގުޅޭ ޤާނޫންތަކާއި ޚިލާފަށް މިވަރުގެ އިންސާނީ ޖަރީމާ ހިންގާއިރު މި ސަރުކާރާއި މަޖިލިހުން ރިޒާގެ ޙިމާޔަތުގައި ނުކުމެ ބިދޭސީންނަށް ބިރުދައްކާ އަނިޔާވެރިވަނީ.

  3. ކޮމެންޓު

    މި ބޭފުޅުންވެސ ސިޔާސީ ވީތަ. ކުރާނެ ކަމެއް ކޮށްފަ ކުއްވެރި ވާހެން ހީވީމަ. މައިބަދައިގެ ވަރަށް ރިއްސާނެ

    2
    2
  4. ހަސަނާ

    ރިޒުކޮމްޕެނީއާ ދެކޮޅައްވެސް ސަރުކާރުނިސްބަތްވާ ޕާޓީގެ އެހެން މެމްބަރެއްގެ ކުންފުޔަކާދެކޮޅައްވެސް އެޅޭނެ އެއްވެސް ފިޔަވަަޅެއް ނޯންނާނެ ނުވެސްއެޅޭނެ އރނއމެގިނައިން ވަގުބިދޭސީން ގެންގުޅެނީވެސް އެބޭފުޅުން އެންމެ އިހާނެތިކޮއް ކަންކުރަނީވެސް އެބޭފުޅުން ދެން ކޮންކަމެއްތޯ ވާނީ ވަގުމީހުންނާދޭތެރޭވެސް ދައުރު ނިމޭއިރުވެސް އެއްވެސްކަމެއްނުކުރެވޭނެ..