ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 361 މީހުންނެވެ. އިއްޔެ އާއި ހަމައަށް މި އަދަދު ހުރީ 306 ގައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާކުރަމުންދާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އިއްޔެ އިތުރު 64 މީހަކު ފައްސިވުމުންނެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިން ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި 19 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދެނީ އައިސީޔޫގައި ކަން ކުރިން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އިއްޔެ އިތުރު 36 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން ޖުމްލަ 2617 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 2238 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އިއްޔެ ރާއްޖެ އިން އިތުރު 11 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ ނިޔާވެފައެވެ. މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 1630 ބިދޭސީއަކާއި 987 ދިވެހިންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 97 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި ތިބީ 300 މީހެކެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 125 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަައީމް

    ސަރުކާރު ތިކަމަށް ހަމައެކަނި ވިސްނަނީ ހުކުރާއި ހުތުބާއާއި ނަމާދު ދިގު ނުކުރަން ދެން ހެޔޮ ކޮންމެކަމެއްކުރިޔަސް ބައެއްރަށްތަކުގަ މިސްކިތުގަ ކިޔަވަންހުރި ހަތިމްތައްވެސް ފޮރުވައިފި ބައިވަރު ހަތިމު ހުރޭ މީގެ އެއް ހަތިމުގާ ބައިވަރުމީހުން އަތެއްނުލާނެ އެކަމަކު ފޮރުވައިފި މިއަށްވުރެ މާގިލަމީހުން އަތްލާތަނެއް ކައުންސިލް އިދާރާގެ ދޮރުގެ އަތްގަނޑުގަ މިކަން އައްލުކުރިއްޔާމާކަރަނގަޅެއްނޫންތޯ؟؟؟ މި ހަތިމުތަށް ފޮރުވުމަށްވުރެ އަންގާލުމެއްވެސް ނެތި ހަތިމުތަށް ފޮރުވީމާ ހުކުރު ދުވަހު ފާތިހާސޫރަތް ކިޔަވާލަން ބަލާލިއިރު ހުރީފޮރުވާފާ މަސައްކަތު މީހާ ގާތު އަހާލީމާ ބުނީ ކައުންސިލުން އަންގައިގެނޭ ...