އައްޑޫ ސިޓީ ހިތަދޫގައި ފިރިހެނަކު އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

އެނގިފައިވާ ގޮތުން މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މަޢުލޫމާތު ލިބޭގޮތުން ފިރިހެން މީހާ ހަމަލާދީފައި ވަނީ އޭނާގެ އާއިލީ މީހަކަށެވެ. އޭނާ ހަމަލާ ދިނުމުގެ ސަބަބުން އަންހެން މީހާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މި ހާދިސާ ހިނގުމާއެކު އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ. އެއާއެކު ފުލުހުން އެގެޔަށް ދިޔައިރު ފިރިހެން މީހާ ވަނީ ފިލާފައެވެ. ފުލުހުން މިހާރު ވަނީ އަނިޔާ ލިބުނު އަންހެން މީހާގެ ބަޔާން ނަގާފައެވެ. ނަމަވެސް މައްސަލަ އާއި ގުޅިގެން މާރާމާރީ ހިންގި މީހާއަށް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

"ވަގުތު" އަށް މަޢުލޫމާތުދެމުން މި ހާދިސާގައި އަނިޔާ ލިބުނު މީހާގެ އާއިލީ ފަރާތަކުން ބުނެފައިވަނީ، ހާދިސާއަށްފަހު ވެސް ފިރިހެންމީހާ އޭނާއަށް ގުޅައި އިންޒާރު ދެމުންދާ ކަމަށެވެ. އަދި އޭނާ ހަމަލާ ދިނުމުގެ ކުރިންވެސް އެކި ފަހަރު މަތީން ބިރު ދައްކައި ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުންދިޔަ ކަމަށް ވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން އަނިޔާގެ މިފަދަ ގިނަ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުން މި މައްސަލަތަކާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާ ކަމަށްބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއެވެ.