ރާއްޖެ އަށް މޫސުން ގޯސްވެފައިވާ މި ދުވަސްވަރުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން 13 އަތޮޅަކަށް ރާޅު އަރާނެކަމަށް ލަފާކޮށް، ރީނދޫ ސަމާލު ނެރެފިއެެވެ.

މެޓް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދު މެންދުރުފަހު 15:00 ން ފެށިގެން މިރޭ 19:30 އާއި ހަމައަށް 13 އަތޮޅަކަށް ރާޅު އަރާފާނެއެވެ. އެއީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ.

ށ. އަތޮޅުން ފެށިން ޅ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައި ވާއިރު، އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ލަފާ ކުރެވޭ ގޮތަށް ބަލައިލާ އިރުގައި، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ގުގުރުންވެސް އެކަށީގެން ވެއެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެއެވެ.

ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މެޓް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި ރާޅުގެ އުސްމިން އާއްމު ގޮތެއްގައި އުޅޭނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު