ފްލޫ ކްލިނިކްތަކަށް ދާ މީހުންގެ އަދަދުއިތުރުވެފައިވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު ފްލޫ ކްލިނިކްތަކަށް 39 މީހުން ދައްކާފައި އެބަހުރި ކަމަށެވެ. އެކަމަކު އިއްޔެގެ ހިސާބުތަކަށް ބަލާ އިރު 127 މީހަކު ފްލޫ ކްލިނިކްތަކަކަށް ދައްކާފައި އެބަހުރި ކަމަށާއި އޭގެ ތެރޭގައި ފްލޫ ޖެހޭ މީހުން ގިނަ ކަމަށް ވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އެންމެ ފަހުން އިތުރުވެފައި ވަނީ ފުރަބަންދުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ފްލޫ ކްލިނިކްތަކަށް ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ދައްކާފައިވެއެވެ.

އެކަމަކު، ފުރަބަންދަށް ލުއިތައް ދޭން ފެށި ފަހުން ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ.

ޑރ. އަލީ ލަތީފް ވިދާޅުވި ގޮތުގައި މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، ކޮންޓެކްޓް ބަބުލް ނުވަތަ ފައްސިވާ މީހުންނާ ދިމާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ގިނަވި އިރު، ފުރަބަންދާ ގުޅިގެން ކޮންޓެކްޓް ބަބުލް މަޑު މަޑުން ކުޑަވެގެން ދިޔަ ކަމަށެވެ.

އެގޮތުން ޖޫން މަހުގެ މެދާ ހަމައަށް ބަލާ އިރު، އެވްރެޖް ކޮންޓެކްޓުންގެ އަދަދަކީ ގާތްގަނޑަކަށް ނުވަ މީހުން ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެވްރެޖްކޮށް ކޮންޓެކްޓުންގެ އަދަދު 15 އަށް އަރާފައިވާ ކަމަށް ވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

"އައިޖީއެމްއެޗްގެ ކޭސްތަކަށް ބަލާ އިރު، އައިޖީއެމްއެޗްގައި ވެސް 19 ކޭސްއާ ގުޅިގެން 124 ކޮންޓެކްޓުން އެބަހުރި. އެހެންވީމަ މިހިރަ ކަންކަމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަންކަން،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފް ވަނީ ކޮވިޑް-19 ރާއްޖެ އިން ކޮންޓްރޯލް ވެފައިވާ ކަމަށް ދެކިވަޑައިނުގަތުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު