މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

ޖުލައި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި އަހަރު ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާސޤ ލަފާއަރުވާފައިވަނީ، އިނާމަށް މި އަހަރު އިޢުލާނު ކުރުމަށެވެ.

އަދި ކޮވިޑު-19ގެ ޙާލަތު އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބަލައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ގާލަތު ބަދަލުވެއްޖެނަމަ، ޤައުމީ ދުވަހުގެ ޖަލްސާއާއި، ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވެވުމަށާއި، ޖަލްސާ ބޭއްވޭނެގޮތް ނުވެއްޖެނަމަ، އެވަގުތުގެ ގާލަތަށް ރިއާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާއަރުވާފައެވެ.

މި އަހަރުވެސް ޤައުމީ އިނާމު ދޭން ނިންމާފައިވަނީ މައިގަނޑު 33 ދާއިރާއަކުންނެވެ. މި ދާއިރާތަކާއި، މި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި، އެހެނިހެން މުއައްސަސާތަކުގެ ޚިޔާލު މި އަހަރުވެސް ހޯއްދަވައި، ގެންނަވަންޖެހޭ ބަދަލުތައް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ގެނެސްފައެވެ..

މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށްވަނީ ހަމަޖައްސާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅަަން، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު ތާރީހަކީ އަންނަ އޮގަސްޓު މަހުގެ 13ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 2:00 އެވެ.

މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮގަސްޓު މަހުގެ 4 ވާ އަންގާރަ ދުވަހުން ފެށިގެން އޮގަސްޓު 13ވާ ބުރާސްފަތި ދުވަހާ ދެމެދު ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދުއެވެ.

ފޯމު ފޮނުވަންޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް، ރައީސް އޮފީހަށެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރާެނެއެވެ.. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބުރު

    ރަށްޔަތުން މަޖިލީހުގެ ރައީސް އެއީ އިދިކޮޅުތަޅާ ރޯނާގަންނުވާ މޮޅު ރައީސެއް ހުދުމުހުތާރު ކަމުން ދުނިޔެވެސް ލަދުގަންނުވާލި ވެރިޔެއް.