ރައްޔިތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އިދިކޮޅު ކޯލިޝަނުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އެ ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ. ކޮމެޓީ މަރުހަލާގައި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އިދިކޮޅު ކޯލިޝަނުން މިވަނީ ބިލަށް ބިލުގެ 21ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ފުލުހެއްގެ ގޮތުގައި ހުރި ކޮންމެ މީހަކީ މާތްވެގެންވާ އިސްލާމްދީނާއި ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ގާނޫނުގެ ހުދޫދުގެ ތެރެއިން އެމީހަކަށް ކުރެވޭ އަމުރުތައް އިހުލާސްތެރިކަމާއި އެކު ވަފާތެރިކަމާއި އެކު ތަންފީޒު ކުރާ އަދި އޭނާއާ ހަވާލުކުރެވޭ މަސައްކަތް އެންމެ އެކަށޭނެ ނަތީޖާ ނެރެވޭ ގޮތުގައި ކުރާ މީހެއް ކަމުގައި ވާންވާނެ ކަމަށެވެ.

މިހާރު ބިލުގައި ވަނީ ފުލުހެއްގެ މަގާމުގައި ހުރި ކޮންމެ މީހަކީ ގާނޫނުގެ ދާއިރާގެ ތެރޭގައި ހަރަކާތްތެރިވާ އަދި ގާނޫނުގެ ދާއިރާގައި އެމީހަކަށް ކުރެވޭ އަމުރުތައް އިހުލާސްތެރިކަމާއި އެކު ވަފާތެރިކަމާއި އެކު ތަންފީޒު ކުރާ އަދި އޭނާއާ ހަވާލުކުރެވޭ މަސައްކަތް އެންމެ އެކަށޭނެ ނަތީޖާ ނެރެވޭ ގޮތުގައި ކުރާ މީހެއް ކަމުގައި ވާންވާނެ ކަމަށެވެ.

ބިލުގެ 25ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ ގާނޫނުއަސާސީ އަށާއި ގާނޫނަށް ބޯލަނބާ ކިޔަމަންތެރިވުން ކަމަށް ބަޔާންކޮށްފައިވާ މާއްދާއަށް އިދިކޮޅުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މާތްވެގެންވާ އިސްލާމްދީނަށާއި ގާނޫނުއަސާސޫ އަށާއި ގާނޫނަށް ބޯލަނބާ ކިޔަމަވަންވާން ވާނެ ކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން އިތުރު އިސްލާހެއްގައި ވަނީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނުތަކާއި މަސައްކަތުގެ ދާއިރާގެ ގޮތުން ބޭނުންވާ ހާއްސަ ތަމްރީނުތަކާއި ތާޒާ ކުރުމުގެ ޕްރޮގްރާމުތައް ފޯރުކޮށްދޭން ވާނެ ކަމަށެވެ. އަދި ކޮންމެ ފުލުހަކުވެސް ހަމަސް ދުވަހުގެ އަސާސީ ތަމްރީނުވެސް ފުރިހަމަ ކުރަންވާނެ ކަމަށާއި އަދި މަސައްކަތުގެ ދާއިރާއާ ގުޅޭ ގޮތުން ބޭނުންވާ ހާއްސަ ތަމްރީނުތަކާއި ތާޒާ ކުރުމުގެ ޕްރޮގްރާމުތައް ފުރިހަމަ ކުރަންވާނެ ކަމަށްވެސް އިދިކޮޅުން ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ރާއްޖޭގައި އުޅޭ އެންމެހާ މީހުން ހިމާޔަތް ކޮށްދީ އެބައިމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ދިނުމާއި މުޖުތަމައުގެ އަމަން އަމާކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން އަމަލު ކުރަމުން ގެންދާ މައިގަނޑު ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީއަށް ހިއްސާ ކުރަންވާނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.