ރާޅު އަރުމުގެ ފުރުސަތު އޮތުމުން ރާއްޖޭގެ ހުރިހާ ރަށަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ހުދު ސަމާލަކީ މިއަދު 15:30 އިން ފެށިގެން 19:30 އަށް ނެރެފައިވާ ސަމާލެކެވެ.

ރާޅު އެރުމުގެ ފުރުސަތު އޮތުމުން ހުރިހާ އަތޮޅަކަށް ހުދު ސަމާލު ނެރުނުއިރު، އިއްޔެ އާއި އޭގެ ކުރީ ދުވަހުވެސް ބައެއް ރަށްތަކަށް ރާޅު އަރައި ގެއްލުންތަކެއް ވަނީ ވެފައެވެ.

މެޓުން ބުނެފައިވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާޅުތަކުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ހުރެދާނެ ކަމަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ދުވަސްވަރު ރާއްޖޭގެ ރަށްރަށަށް ރާޅު އަރަމުން ދަނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާނިތަކެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ރާޅު އެރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ.