ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ހަތަރު މެންބަރަކު މަގާމުން ވަކި ކުރުމަށް މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިދިޔަ މަހުގެ 29ވަނަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީން ވަނީ ސީއެސްސީގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާ ނޫން ދެން ތިއްބެވި ހުރިހާ މެންބަރުން ވަކި ކުރުމަށް ނިންމާފައެވެ. އާމިރާ ވަކި ނުކުރަން ނިންމި ނަމަވެސް އާމިރާ ވަކިކުރަން ޖެހޭ ކަމަށް ގިނަ މެންބަރުން ދިޔައީ މީގެކުރިން ވިދާޅުވަމުންނެވެ.

އާމިރާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ކޮމެޓީން ނިންމިއިރު ސީއެސްސީގެ މެންބަރު ކަމުން އެ ކޮމިޝަނުގައި ދެން ތިއްބެވި ހަތަރު މެންބަރުން ވަނީ ވަކި ކުރަން ނިންމާފައެވެ. މަގާމުން ވަކިކުރަން ކޮމެޓީން ފާސްކުރި ނަންތަކަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.

މިނިވަން މުއައްސަސާތަކުން އެއްބާރުލުން ނުދޭ މައްސަލާގައި މީގެކުރިންވެސް މިނިވަން މުއައްސަސާތަކުން ވަނީ ގިނަ މައްސަލަތަކެއް ބަލާފައެވެ.