ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ތިން މެންބަރަކު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވާފައި ވަނީ އެ ކޮމިޝަނުގެ ނާއިބު ރައީސް ހައްސާން ހަމީދާއި އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ. މި ތިން ބޭފުޅުން ވަނީ އިސްތިއޔފާ ދެއްވި ކަމުގެ ސިޓީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވާފައެވެ.

އެ ކޮމިޝަނުގެ ތިން މެންބަރަކު އިސްތިއުފާ ދެއްވާފައި މިވަނީ އެންއައިސީގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މަހުގެ 8ވަނަ ދުވަހު ނިންމާފައި ވަނިކޮށެވެ.

އެންއައިސީގެ މެމްބަރުންގެ މައްސަލަތަކެއް އެ ކޮމިޓީން ބަލަން ފެށީ މީގެ ދުވަސްތަކެއް ކުރިންނެވެ. އަދި އެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގިއެވެ. އަދި ކޮމިޝަންގެ ބައެއް މެމްބަރުން ހާޒިރުވެސް ކުރިއެވެ. އެ ސަބް ކޮމިޓީން މައިގަނޑު ގޮތެއްގައި ދިރާސާ ކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންނާ މެދު ކޮމިޝަނުން އަމަލު ކުރި ގޮތެވެ.

ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެއެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދު އާއި، މެންބަރު އަހުމަދު އަމީން އާއި، މެންބަރު ހަދީޖާ އަބްދުﷲއެވެ.

އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ އަހުމަދު ޖިހާދެވެ. އޭނާއަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.

ރިޕޯޓާ ގުޅިގެން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވީ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ހަތަރު މެމްބަރުން ވަކިކުރަން ރައީސް ސޯލިހަށް ލަފާ ދެއްވުމަށް ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ގެންދާށެވެ. އަދި އެ ހުށަހެޅުން ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

އެންއައިސީގެ މެންބަރުން ވަކިކުރަން ރައީސަށް އަންގާ ގޮތަށް ކޮމިޓީން ނިންމީ، އެ ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ އިހްތިޔާރު ރައީސަށް އޮންނަ ކަމަށް ބުނެފައިވާތީއެވެ.

އެ ކޮމިޝަނުގެ ތިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ވަނީ ހުޅުވާލާފައެވެ. ރައީސް އޮފީހުން ބުނީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަނުގެ ތިން މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ތިން މެންބަރުންގެ މަގާމް ހުސްވެފައިވާތީއެވެ. އެންއައިސީގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 19، 20 އަދި 21 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް http://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުރަނޑި

    ވަރަށްމޮޅެތި މީހުން އެމްޑީޕީގެ އެކުޓިވިސްޓުންގެ ތެރޭގައި އެބައުޅޭ އެވެރިންވަށްދާ ބުނާހާގޮތެއް ހަދައިދޭނެ މިއޮތީ ވާ ސަރުކާރެއް އައިސްފަ ބޯހަލާކު.

    26
  2. އަޙުމަދުއަލީ

    ހުރިހާކަމެއްގެ ތެރެއަށް ނަޝީދުގެ ބައިގަނޑު ބޯބާނައިގެން އުޅެންފެށީމާ ބޯރަނގަޅުމީން އިސްތިއުފާ ދީފައިދާނެ. އަދީބު ހައްލައިލެވުނަސް އެހެންމީހުން ހައްލައި ނުލެވޭނެ

    21
  3. Anonymous

    ކޮބާ ސުލޭމާން. އަސްލު ވަކިކިރަންވީ ގާބިލުކަމެއް ނެތް އިސްލާމް ޓީޗަރު. އެވެސް ދެން ތަންތަން ހިންގަންލާ މީހުންވިއްޔަ.

    7
    3
  4. ނ

    ސުލަިމާނު ވަނީ ރާއްޖެިން ބޭރުން މަތީ ތައުލީމް ހާސިލް ކޮއްފައި... ދެން ސުމިތާ ތޮއްޔިބު ލާންވީ އެއްނު
    ޢަދި އިލެކްޝަންގެ ރައީސް ކަން ވެސް ކުރި
    ނޭގެންޔާ އަނގަ ނުތަޅާނީ

    2
    1