ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 419 މީހުންނެވެ. އިއްޔެ އާއި ހަމައަށް މި އަދަދު ހުރީ 368 ގައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާކުރަމުންދާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އިއްޔެ އިތުރު 67 މީހަކު ފައްސިވުމުންނެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިން ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި 23 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އިއްޔެ އާއި ހަމައަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައީ 19 މީހަކަށެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދެނީ އައިސީޔޫގައި ކަން ކުރިން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އިއްޔެ އިތުރު 67 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން ޖުމްލަ 2731 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 2284 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އިއްޔެ ރާއްޖެ އިން އިތުރު 16 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ ނިޔާވެފައެވެ. މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 1649 ބިދޭސީއަކާއި 1082 ދިވެހިންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 71 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި ތިބީ 353 މީހެކެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 127 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު