ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޝަހީދު މުހައްމަދު ވެސް އެ ކޮމިޝަނުން އިސްތިއުފާ ދެއްވި އިރު، އެ ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަހީގް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސީއެސްސީގެ ބައެއް މެމްބަރުން އަމިއްލަ އަށް އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަންގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ. އެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމްއެވެ.

އޭގެ ފަހުން އެ ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސެއިން ވެސް މެމްބަރު ކަމުން އިސްތިއުފާ ދެއްވިއެވެ. އަދި އެންމެ ފަހުން، އެ ކޮމިޝަންގެ ނައިބު ރައީސް ޝަހީދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އިސްތިއުފާ ދެއްވާފައި ނުވަނީ އެ ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަހީގް އެކަންޏެވެ. އެކަމަކު، މަޖިލިހުގައި ނެގި ވޯޓުގައި 48 މެމްބަރުންގެ އިއްތިފާގުން ވަނީ ޝަހީގު ވަކިކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.

ޝަހީދު ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކޮށްފައި ވަނީ ނޮވެމްބަރު 29، 2015 ގައެވެ. ކޮމިޝަނުގެ ނައިބު ރައީސްކަމަށް އޭނާ އައްޔަން ކުރީ އޮކްޓޯބަރު 10، 2017 ގައެވެ. ޝަހީދު ވަނީ މެޑިކަލް ސައިންސްގެ ދާއިރާއިން ބެޗްލަސް އަދި މާސްޓަސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. ޝަހީދު ސީއެސްސީގެ މެންބަރު ކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން ހުންނެވީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައެވެ.

ޝަހީގު ސީއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރީ ފެބްރުއަރީ 20، 2017 ގައެވެ. ޝަހީގު ވަނީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް ގެ ސްކޮލަޝިޕެއްގައި އިންޑިއާގެ ބެންގަލޫރުން ސައިންސްގެ ދާއިރާއިން ބެޗްލަސް ޑިގްރީ ޙާސިލް ކުރައްވާ އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ސްޕޮންސަކޮށްގެން ހިންގާ ފުލްބްރައިޓް ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން އެމެރިކާގެ ޔުނިވަސިޓީ އޮފް ކެންސަސް އިން އެޑިއުކޭޝަނަލް ލީޑަޝިޕްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވައިފައެވެ.

މި ހަތަރު ބޭފުޅުން ވެސް ވަކި ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނީ މީގެ ދުވަސްތަކެއް ކުރިންނެވެ. ސީއެސްސީގެ މެންބަރުކަމުގައި މިހާރު ހަމައެކަނި ހުންނެވީ ފާތިމަތު އާމިރާއެވެ.

އާމިރާ ވަކިކުރަން ޖެހޭ ކަމަށް ގިނަ މެންބަރުން ވަރަށް ބޮޑަށް ދަނީ ވަކާލާތު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބުރާހީމް

    މިފެންނަނީ ޑިމޮކްރަސީ ހެދި ފޯދޭ ތައް. ފުރާފުރިހަމަވާއިރު އެމް.ޑީ.ޕީ ގެ ޕަޕެޓަކަށްނުވާ ކޮންމެމީހެއްގެ އަބުރު ކަތިލާނެ. ނޫނީ ނިޒާމުން ގެއްލުވާލާނެ. ކޮންފަދަ ނުރައްކާތެރި ހީލަތްތެރި ރޭވުމަކުންބާ މިހިރަ މިހިރަ ކަންކަން މިކުރަނީ. ޔާﷲ އަނިޔާވެރިންގެ ކިބައިން މިދިވެހި ދީބް ސަލާމަތްކުރައްވާށިއެ. އާމީން.

    18
    1
  2. މަބުނާނީ

    ޑިމޮކްރަސީގައި ކަންހިނގާނީ މި ގޮތަށް މީ ރައްޔިތުން ބޭނުންވި ނިޒާމް.

  3. އަބްދުއްލަޠީފު

    ޢެއުޅެނީ ސިވިލް ސާރވެންޓް އިންނާފޮށެން ތައްޔާރުވާން