ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ހަތަރު ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން ޖުމްލަ 8 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ނަން އަނބުރާ ގެންގޮސްފައިވާ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ނިންމާފައިވާ ސ. މީދޫ، ކުދިމާވިލާ، އާއިޝަތު ޝޫޒާއާއި ލ. މާމެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ނިންމި ޢާއިޝަތު ޞަޠުމާ އާއި ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ނިންމި އާމިނަތު ރަޙީމާއެވެ.

ކ. ތުލުސްދޫ ކައުންސިލްގެ މެމްބަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެރަށު ލާލު، ހުސައިން އަރްޝަދް ވެސް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

ނަން ނެންގެވި ބޭފުޅުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ހއ. އުލިގަމު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމި ނަސްރީނާ މޫސާ އާއި ނ. މަގޫދޫ ކައުންސިލްގެ މެންބަރު އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމި ޖަޢުފަރު ޢަލީ އާއި ލ. އިސްދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމި އިބްރާހީމް ޙަމީދު އާއި ގއ. ނިލަންދޫ ކައުންސިލްގެ މެމްބަރު ކަމަށް އަމިއްލަގޮތުން ވާދަކުރުމަށް ނިންމި ނަދީމް އަޙްމަދުއެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑައެލޯގް

    ނަން އަބުރާ ގެންދަނީ އެމްޑީޕީގެ ތާއިދު ދައްވީމަ ކަމަށްބެލެވެނީ

    21
  2. ހަސަން ތަކުރު

    ނަން އަނބުރާ ގެންދެވި އެމްޑީޕީ މެމްބަރުންނަށް މަރުހަބާ ދަންނަވަން.އަދި ސެލިއުޓް ކުރަން.ތީ ގައުމަށްޓަކައި ދީނަށްޓަކައި އެޅި ފިޔަވަޅެއް.

  3. މުހަންމަދު ނަސީދު

    އެމްޑީޕީ މިފަސްއަހަރު ނިމޭއިރު މިގައުމުންވެސް ނިމޭނެ ހެންވަރައް ބޮަޑައްހިވޭ މިހާރުވަމުންމިދާގޮތުން.......

  4. ބޭނޭ

    ނަން އަނބުރާ އެ ގެންދަނީ މި ހާލަތުގެ ގޮތުން