ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 31 މީހަކު ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 22 ދިވެހިންނާއި އަށް ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހެކެވެ.

މިއާ އެކު، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2،762 އަށް އަރައިފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، މިވަގުތު ކޮވިޑް-19 އަށް ފަރުވާ ދެމުން ދަނީ 444 މީހުންނަށެވެ.

މިހާތަނަށް 62،767 ސުންކު ނަގާފައިވާ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 382 މީހުން، އަދި ކަރަންޓީން ފެސިލިޓީތަކުގައި 70 މީހުން އެބަތިބިއެވެ. އަދި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 2،290 އަށް އަރައިފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވެފައި ވަނީ 13 މީހުންނެވެ.

މިދިޔަ ދެ ދުވަހާ ބަލާ އިރު، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. މިހާރު އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމެވެ.

ރާއްޖެ އިން އިއްޔެ އެކަނި ވެސް 67 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، 52 މީހުންނަކީ ދިވެހިންނެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުނު ފަހުން، މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ.

އަދި މިދިޔަ ހޮނިހިރު ދުވަހު 47 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި 43 މީހުންނަކީ ދިވެހިންނެވެ.

ފުރަބަންދަށް ދިއުމަށް ފަހު، އާންމު ގޮތެއްގައި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް އުޅެނީ ވިއްސާއި ސާޅީހާ ދެމެދުގައެވެ. އެކަމަކު، މިދިޔަ ދެ ދުވަހު ބައްޔަށް ފައްސިވާ ދިވެހިންގެ އަދަދު ވަނީ 40 އަށް ވުރެ މައްޗަށް އަރައިފައެވެ.

ބަލި ޖެހުނު ދިވެހިންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އެރި އިރު، އެންމެ ގިނައިން ބަލި ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ 1،300 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ އަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ މާލޭގެ ހާލަތު އަދި ރަނގަޅު ނަމަވެސް ކަންބޮޑުވާ ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓޮންނަ

    ހިސާބުތައް އޮޅުވާލީ!

    3
    1
  2. ސިޒޫ

    ހާލަތު ރަނގަޅޭ މި ވަރަކަށް ދެންހާލަތު ރަނގަޅުވާނީ..އަތުނުޖެހޭ ހިސާބައް ގޮސްފިނަމަ އޮންނާނި ހާލަތު ރަނގަޅުވެފަ