ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ނ. ކުޑަފަރި އާއި އެއަތޮޅު މަނަދޫން ގިނަ އަދަދެއްގެ ބަޔަކު އެކަހެރިކޮށްފި އެވެ.

އެނގިފައިވާ ގޮތުން ކުޑަފަރިން އެކަހެރި ކޮށްފައި ވަނީ 30 މީހެކެވެ. އަދި މަނަދޫން އެކަހެރިކޮށްފައި ވަނީ 13 މީހެކެވެ.

މި ދެރަށުން ގިނަ ބަޔަކު އެކަހެރިކޮށްފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ކުޑަފަރިން މާލެއަށް ގެންދިޔަ އުމުރުން ދުވަސްވީ ފިރިހެނަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ކުޑަފަރިން އެކަހެރިކުރި މީހުންގެ ތެރެއިން މިހާތަނަށް އެކެއްގެ ސުންކު (ސާމަޕަލް) ވަނީ ނަގާފައެވެ. އޭނާގެ ސުންކު، ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކުޑަފަރިން މާލެއަށް ގެންދިޔަ މީހާ ކޮވިޑް-19 އަށް ފައްސިވުމުން މަނަދޫން ބަޔަކު އެކަހެރިކޮށްފައި ވަނީ، އެރަށު ހޮސްޕިޓަލަށް ވެސް އޭނާ ގެންގޮސްފައި ވާތީއެވެ. މިގޮތުން މަނަދޫ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނާއި އޭނާ އާއި ބައްދަލުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކުޑަފަރީ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކޮވިޑް-19 އަށް ފައްސިވީ މީހާއަކީ، ފާހާނައިން ނުކުންނަނިކޮށް ވެއްޓި އަނިޔާވެގެން ނ. މަނަދޫ ހޮސްޕިޓަލަށް ގެންދިއުމަށްފަހު، އެ ހޮސްޕިޓަލުން ހެދި ސްކޭންތަކުން އޭނާގެ ފައި ބިނދިފައިވާ ކަމަށް ބުނުމުން މާލެ ގެނައި މީހެއް ކަމަށެވެ.

އުމުރުން 92 އަހަރުގެ އެމީހާ މީހާ ކޮވިޑް-19 އަށް ފައްސިވީ، ހޮސްޕިޓަލުގައި ފަރުވާދޭ މީހުން ކޮވިޑަށް ޓެސްޓު ކުރުމުގެ އުސޫލުގެ ދަށުން ސުންކު ނަގައި ކުރި ޓެސްޓަކުންނެވެ. އޭނާއަށް ބަލި ޖެހިފައި ވަނީ ރަށުގައި ހުއްޓާ ކަމެއް ނުވަތަ މާލެ ގެނައި ފަހުން ކަމެއް ނޭނގެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އަދި ރަށްރަށުގައި ވެސް މި ބަލި ފެތުރިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިގޮތުން ކޮވިޑް އާއި ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިދިން ފަހުން ބަލީގެ ވޭދަނަ (ކޭސް) ތައް ވަނީ އިތުރުވާން ފަށާފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2762 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1104 ދިވެހިންނާއި 1658 ބިދޭސީންނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑަށް ފައްސިވާ ދިވެހިންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން 13 މީހަކު ނިޔާވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.