ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ގާތައް ނެގުމުގެ މަސައްކަތާއި މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ފޮނަދޫގެ 12 މަގެއްގައި 27،848 އަކަ މީޓަރު ތާރު އަޅާނެ ކަމަށާއި މިއީ 3.5 ކިލޯ މީޓަރުގެ ސަރަހައްދެއް ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓަ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަަމަށާއި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން 26 ގައެވެ.