ކޮވިޑް-19 އިން ސަލާމަތްވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ދެކުނު އެފްރިކާގައި ބަނގުރާ ބުއިން މަނާކޮށްފިއެވެ.

މިއީ ދެކުނު އެފްރިކާގައި ބަނގުރާ ބުއިން މަނާކުރި ދެވަނަ ފަހަރެވެ.

ދެކުނު އެފްރިކާގައި އަނެއްކާވެސް ކޮވިޑް-19 ފެތުރުން އިތުރުވާން ފެށުމުން ރޭގަނޑުގެ ވަގުތަކުގައި މަގުމައްޗަށް ނިކުތުން މަނާކޮށް، ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި ގެއިން ބޭރަށް ނިކުންނަމަ މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވިދާޅުވީ ދެކުނު އެފްރިކާގައި ބަނގުރާ ބުއިން ވަގުތީ ގޮތުން މަނާކުރިން ނިންމީ ސިއްހީ ދާއިރާ އަށް ޕްރެޝަރު ބޮޑުވުން ކުޑަކުރުމަށްޓަކައި ކަމަށެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ އެއް ގައުމަކީ ދެކުނު އެފްރިކާއެވެ. އެގައުމުން މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ދެކުނު އެފްރިކާގެ އޮފިޝަލުން ލަފާ ކުރާ ގޮތުގައި މިއަހަރު ނިމޭއިރު އެގައުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ބައިލައްކަ އަށް ވުރެ އިތުރު ވާނެއެވެ.

ދެކުނު އެފްރިކާގެ ރައީސް ސައިރިލް އިއްޔެ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ މީހުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނާޅާ ކަމަށެވެ.

"ވަރަށް ގިނަ މީހުން އަދިވެސް ގެންދަނީ ޕާޓީތައް އިންތިޒާމް ކުރަމުން. ޕާޓީތަކުގައި މާސްކް އެޅުމެއް ނެތި ރާ ބޮއެ، މަޖާ ކުރުމުގެ ކަންކަން ކުރިއަށް އެބަގެންދޭ. ނަތީޖާއަކަށް ވެފައި ވަނީ ޕާޓީތަކުގެ ތެރެއިން އެތައް ބަޔަކަށް ބަލި ޖެހިގެން ދިއުން." ސައިރިލް ވިދާޅުވިއެވެ.

ދެކުނު އެފްރިކާގައި ކޮވިޑް-19 ފެތުރެން ފެށުން އިއުލާން ކޮށްފައި އޮތް ކުއްލި ނުރައްކަލުގެ މުއްދަތު މިހާރު ވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދިގުދަމާލާފައެވެ.

ދެކުނު އެފްރިކާ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެން ފަށައިފިނަމަ އެގައުމުގެ ހޮސްޕިޓަލްތައް ފުރި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ދަތިތައް ދިމާވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކީކޭ

    ރާއްޖޭގައިވެސް ތިފިޔަވަޅު އަޅަންފެނޭ