ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަމާލުކަމަށް އެއްވެސް މީހަކު ގެނެސްފައި ނުވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ޝިފާޒްގެ ފަރާތުން ޖިންސީ ގޯނާ ލިބުމުން، އެކަމުގެ މައުލޫމާތު ރައީސް ސާލހު އާއި ހިއްސާކުރުމުން ވެސް އެކަމާއި މެދު އެއްވެސް ފިޔަވަޅެއް ނާޅުއްވާ ކަމަށް ބުނެ، މީސްމީޑިއާގައި ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ޝިފާޒްއާ މެދު ފިޔަވަޅު ނާޅާ ވަނީ އޭނާ އަކީ ރައީސްގެ އަރިސް ބޭފުޅަކަށް ވެފައި، އޭނާ ނުފޫޒު ގަދަވުމުން ކަމަށް އެފަދަ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން ޝިފާޒްއާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޝިފާޒްގެ މައްޗަށް މިފަދަ ތުހުމަތުކޮށް އެއްވެސް މައްސަަލައެއް ހުށަހަޅާފައިވޭތޯ ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ރައީސްއާ ހަމައަށް އެފަދަ އެއްވެސް ޝަކުވާއެއް ގެނެސްފައި ނުވާ ކަމަށެވެ.

"އެއީ ސައްހަ ހަބަރެއް ނޫން ފިޔަވަޅު ނާޅާ ވާހަކައަކީ. އެފަދަ އެއްވެސް ޝަކުވާއެއް ވެސް މައްސަލައެއް ވެސް ނެތް ހުށަހެޅިފައެއް. ރަސްމީ ސިފައެއްގައިވެސް ނުރަސްމީ ސިފައެއްގައިވެސް." ހޫދު ވިދާޅުވިއެވެ.

ޝިފާޒްއަށް މިފަދަ ތުހުމަތުތަކެއް ކޮށް މީސްމީޑިއާގައި ވާހަކަދެއްކި ނަމަވެސް ކަމާއި ގުޅޭ އެއްވެސް އިދާރާއަކަށް ވެސް އޭނާ އާއި ދެކޮޅަށް އެއްވެސް މައްސަަލައެއް މިހާތަނަށް ހުށަހަޅާފައެއް ނުވެއެވެ.

ދާދިފަހުން ޓުއަރިޒަމް މިނިސްޓަރގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރާ މައްސަލަ، ރައީސްގެ ސަމާލުކަމަށް ގެންނެވުމުން ރައީސް ވަނީ އޭނާ މަގާމުން އިސްތިއުފާ ދިނުމަށް އަންގަވައިފައެވެ. އަދި އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ އޭނާ މަގާމުން ވަކި ކުރައްވައިފައެވެ.

އޭގެ ފަހުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް އަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅޭ މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައެވެ. އެހެންކަމުން އަލީ ވަހީދު މަޤާމުން ވަކި ކުރި އިރު ހަސަން އިސްމާއިލް މަޤާމުން ވަކި ނުކުރަނީ ކީއްވެތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެހެން މީހުންނަށް ވެސް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ތުހުމަތު ދަނީ ކުރެވެމުންނެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީގެ ބައެއް އިސް މުވައްޒަފުންނަށް ކުރާ ތުހުމަތުތަކުގެ އިތުރުން، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ފަރާތުން ޖިންސީ ގޯނާ ލިބުނުކަމަށް ބުނާ އޯޑިއޯއެއް ވަނީ ދާދިފަހުން ލީކުވެފައެވެ.

އެ އޯޑިއޯގެ ސައްހަކަން މިހާރު ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނާ

    މިބައިމީހުންގެ މި ބޮޑާކަމާ ކިބުރުވެރިކަމުން ހިންގަމުންމިދާ ޖަރީމާ ތަކުން ދިވެހިން ސަލާމަތްކުރައްވާންދޭ...

    33
  2. ކިނބޫ

    ހުށަހަޅާނެކަމެއްވެސް ނެތޭ. ކީރިތި ކުރައްވަން ފައްޓަވާފާނެ. ދެން ކިހިނެއް ކަމެއްގެ ވާހަކަ ދެންނެވޭނީވެސް. ހިތް ހުއްޓިއްޖެއްޔާ މާދެރައެއްނު.

  3. ސަމީ

    ތިޔަ މީހާ އަކީ އަންޓަޗަބްލް މީހުން ތެރޭން މީހެއް، ކުއްކުރުމުގެ ޕާސްޕޯޓް އޮންނާނެ އެމްޑީޕީން ދީފަ