ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ދިރާސާކުރައްވަމުން ގެންދާ، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލަށް އާއްމުންގެ ޚިޔާލް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެކަން ހާމަކުރައްވާ މަޖިލީހުގެ އިދާރާއިން އާއްމު ކުރި އިއުލާނެއްގައި ވިދާޅުވީ، އެ ބިލަށް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 00:14 ގެ ކުރިން ކޮމިޓީގެ މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުން އެދޭކަމަށެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހެޅުއްވި ބިލްގައި ވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

އަދި ކަރަންޓުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ޙައްޤުތަކާއި، ޢާންމު ބޭނުންތަކެއްގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓު ފޯރުކޮށްދޭ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި، އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަކީވެސް އެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި އެކަށީގެންވާ އަގެއްގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތު ބަޔާންކުރުމާއި، އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމާއި، ކަރަންޓުގެ ޚަރަދުތައް ކުޑަކުރުމަށް އެހީވެދޭ ފަންޑެއް ޤާއިމުކޮށް، އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމަކީ އެ ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން، އެކުލަވާލަންޖެހޭ ހަކަތައިގެ ސިޔާސަތުތަކާއި ޕްލޭންތަކުގެ ދަށުން ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާނީ މިނިސްޓްރީންނެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާ ގޮތް ސަރުކާރުގެ ހަކަތައިގެ ސިޔާސަތު މިނިސްޓްރީން ޝާއިޢުކުރަންވާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.

އަދި ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު އެ ސިޔާސަތު މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.