"ދި އެޑިޝަން" ނޫހުގެ އެޑިޓަރ ރާއި މުނައްވަރަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހަސަން އިސްމާއީލް އާއި މެދު އެޅި ފިޔަވަޅު ރައީސް އޮފީހުން އަދިވެސް ހާމަކޮށްފައި ނުވުމުން ކަންބޮޑުވުމުގެ ސިޓީއެއް ފޮނުވައިފިއެވެ.

އެ މައްސަލާގައި ރާއީގެ ފަރާތުން ހަރަކާތްތެރިވާ ވަކީލުންގެ ޓީމުގެ ފަރާތުން ހައްވާ ޝަފީއާ ރީޝާ ރައީސް އޮފީހަށް ފޮނުވައިފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، ޖިންސީ ފުރައްސާރައިގެ އެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް އޮފީހަށް ފުރަތަމަ ރާއީ ސިޓީއެއް ހުށަހަޅައިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

އަދި އޭގެ ފަހުން އެމައްސަލަ ބެލުމުގައި އަމަލުކޮށްފައިވާ އިޖުރާއަތަކީ ކޮބައިކަމާއި، އެމައްސަލަ ރައްދުވާ ހަސަން އިސްމާއީލް އާއި މެދު އެޅުއްވި ގާނޫނީ ފިޔަވަޅުތައް ސާފުކޮށްދިނުމަށް ޖެނުއަރީ 29 ގައި ފޮނުވި ސިޓީއަށް އަދިވެސް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ.

އެކާވީސް ޖެނުއަރީގައި އެމައްސަލަ ހުށަހެޅުމުގެ ކުރިން ރައީސް އޮފީހުގެ އަމިއްލަ އިސްނެގުމުގެ މަތިން އެމައްސަލަ ވަނީ ބަލަން ފަށާފައި ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ. އެގޮތުން އެމަހުގެ 16 ވަނަ ދުވަހު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ރަސްމީ ހައިސިއްޔަތުން، ރާއީ އާއި ބައްދަލުކުރައްވައި ކަންކަން ހިނގި ގޮތް އޮޅުން ފިލުވާފައި ކަމަށް އެސިޓީގައި ވެއެވެ.

މަސައްކަތުގެ މާހައުލުން ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ކަމުގައިވާނަމަ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެމައްސަލައެއް ބަލައި ނިންމަން ވާނެ ކަމަށާއި، މިހާރު އެ މައްސަލަ ރައީސް އޮފީހުން އިސްނަގައިގެން ބަލަން ފެށި ދުވަހާއި އެ އޮފީހަށް މައްސަލަ ހުށަހެޅި ދުވަހުގެ މުއްދަތައް ބެލިޔަސް 60 ދުވަހަށް ވުރެ އިތުރުވެފައިވާ ކަމަށް އެސިޓީގައި ވަނީ ބުނެފައެވެ. އެހެން ކަމުން ރައީސް އޮފީހުން ވަނީ އެ ގާނޫނުގައިވާ މުއްދަތައި ހިލާފުވެފައި ކަމަށް އެސިޓީގައި ބުނެފައިވެއެވެ.

އަދި މި މައްސަލައިގައި އަމަލުކުރަން ޖެހޭ އެއްވެސް އިޖުރާއަތަކަށް އަމަލު ކޮށްފައިވާކަން އެ އޮފީހުން މިހާތަނަށް ހާމަކޮށްފައި ނުވާކަމަށާއި، އެހެންކަމުން ރައީސް އޮފީހުން ވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ ގާނޫނަށް އަމަލުކުރުމަށް އިހުމާލުވެފައި ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުގައި އާންމުވެފައިވާ މައްސަލައެއްކަމަށް ވާއިރު، މިފަދަ މައްސަަލަތަކުގައި ގާނޫނުގައިވާ ގޮތުގެ މަތިން، އެއް ގޮތް އުސޫލުން އަމަލުކުރާ ކަމަށާއި، އަދި އަމަލުކުރާތަން ފެނުމަކީ މިފަދަ އަނިޔާ ލިބޭ ފަރާތްތަކަށާއި ރައްޔިތުންނަށް އިތުބާރު ގެއްލިފައިވާ ނިޒާމެއްގެ މައްޗަށް އިތުބާރު އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމެވެ" ރާއީގެ ވަކީލުންގެ ޓީމުން ރައީސް އޮފީހަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ހަސަން އިސްމާއީލް މިވަގުތު ހުރި މަގާމުގެ ސަބަބުން ރާއީ ނިއުސް އެޑިޓަރެއްގެ މަގާމުގައި މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މި މައްސަލަ ބަލައި ނިންމައިދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

އަދި ޖިންސީ ގޯނާގެ މައްސަލަތައް ގިނަވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުން އިންސާފާއި މެދު އިތުބާރު ނުގެއްލޭ ފަދަ ގޮތަކަށް އެމައްސަލަ ބަލައި ނިންމައިދިނުމަށް އެސިޓީގައި ވަނީ އެދިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޒީރޯ ޓޮލަރެންސް ގެ ރީތި މިސާލެއް.
    އަދި ސަފާރީވެސް ހަމަ

    11
  2. ހުސެން

    އެމްޑީއެން ގެ އަޑީ ދައުލަތުން ހިންގާ ސަރުކާރަކުން އެމްޑީއެން ރޯޔަލް ފެމިލީ މީހުންނަށް ފިޔަވަޅެއް ނާޅާނެ

  3. ޙަސަނާ

    ކުދިންނޭވޭ...މިގައުމުގެ ރޯޔަލްފެމެލީ ތައްކަމުގާވާ މޢ.ބޯގަންވިލާ އާއިލާ..ކެރަފާ އާއިލާ މީންބަޔަކައްނިސްބަތްވާކަމެއްގަ ކުރިއައްދާން ދިވެހިރައްޔިތުންގެ މެޖޯރެޓީ ތާއީދެއްނުކުރާނެ ދިވެހިރައްޔިތުން ބޮޑުތަނިންތާއީދުކޮއް ދިވެހިގައުމުގެ ކަންކަން ހިންގަން 2 އާއިލާކައްވަނީ ރުހުންދީފަ ވީމާ ތިމައްސަލައައް ނޯ ކޮމެންޓު