ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ރަށްރަށަށް އުދަ އެރުން ދުރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ރަށްރަށަށް އުދައިގެ އަސްރު ކުރަމުން ދިޔަ ނަމަވެސް މިހާރު ރާއްޖޭގެ ކަނޑުގެ ބާނިތައް އަންނަނީ ކުޑަވަމުންނެވެ. އެހެންކަމުން ކުރިޔަށް އޮތް ދެ ދުވަހު އުދަ އެރުމުގެ ފުރުސަތު ކުޑަ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އާދައާއި ހިލާފަށް އުދަ އަރަމުން ދިއުމުގެ ސަބަބުން މެޓް އޮފީހުން ވަނީ ވޭތު ވެދިޔަ ހަފްތާގެ ތެރޭގައި އެލާޓްތަކެއް ނެރެފައެވެ. މެޓުން ހާމަކޮށްފައިވާ ގޮތުގައި އެދުވަސްވަރު އާދަޔާ ހިލާފަށް އުދަ އަރަމުން ގޮސްފައި ވަނީ ކަނޑުގައި ބާނިތަކެއް އުފެދި އުދަ އަރަމުން ދިޔަ ދުވަސްވަރާއި، ހަނދުބޮޑުވާ މޫސުމާއި ދިމާވުމުގެ ސަބަބުންނެވެ.

މިފަހަރު އުދަ އަރައިގެން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެއް ރަށަކީ ލ.މާވަށެވެ. އެރަށް ދިޔަވަރު ހިކިފައި އޮންނަ ގަޑީގައިވެސް އުދަ އަރާފައި ވެއެވެ. އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

މާވަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު އުދަ އަރައިގެން ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އާއި ދާދި އެއްވަރެއްގެ ގެއްލުންތަކެއް އެރަށަށް ކުރިމަތިވެފައެވެ.