ކަރަންޓީނު ވުމަށްދާ ރަށަށް ދިއުމުގެ ދަތުރު ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށަށްދާ މީހުން ކަރަންޓީންވުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު މިއަދު އާއްމު ކޮށްފައިވާއިރު އެ އުސޫލުގައިވާ ގޮތުގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓުގައި ރާއްޖެ އަންނަ މީހުންނާއި ވޯކްޕާމިޓު އޮންނަ މީހާގެ އާއިލާ މީހުން ނުވަތަ ޑިޕެންޑެންޓުން ގޭގައި 14 ދުވަސް ވަންދެން އަމިއްލަ އަށް އެކަހެރިވާން ޖެހެއެވެ. އެގޮތަށް ކަރަންޓީން ވުމަށް ހުށަހަޅާނީ އެމީހަކު އަމިއްލަ އަށް ކަމަށްވެސް އެ އުސޫލުގައިވެއެވެ.

އަމިއްލަ އަށް ކަރަންޓީން ނުވާ ހާލަތުގައި ކަރަންޓީނުވެ ހުރިކަން އެހެން ފަރާތަކަށް ހުށަހަޅަން ޖެހޭނަމަ ކަރަންޓީންވެ ހުރި މުއްދަތާއި އިތުރު މައުލޫމާތު ހުށަހެޅުމުން އެޗްޕީއޭ އިން އެކަމަކަށް މަގުފަހި ކޮށްދޭނެ ކަމަށް އުސޫލުގައިވެއެވެ.

މާލޭގައި ކަރަންޓީންވާ މީހާ އަމިއްލަ އަށް ހާލު ބަލަމުން ގެންދިއުމާއި ސިއްހީ އެހީތެރިކަމެއް ބޭނުންވާ ނަމަ އެކަން ރިޕޯޓު ކުރަން ގެންދަންވާނެ ކަމަށްވެސް އެ އުސޫލުގައިވެއެވެ. އުސޫލުގައިވާ ގޮތުގައި މާލޭގައި ކަރަންޓީންވާ ފަރާތްވެސް "ހާލު ބެލުން" ޕޯޓަލްގައި ރަޖިސްޓްރީވާން އެދިފައިވެއެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ރިޕޯޓު ކުރަންޖެހެއެވެ.

ރަށްރަށުގައި ގޭގައި ކަރަންޓީނުވާ ފަރާތް "ހާލު ބެލުން" ޕޯޓަލްގައި އަމިއްލަ އަށް ނުވަތަ އެހެން މީހެއްގެ އެހީތެރިކަމާއި އެކުގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި ރަޖިސްޓްރީވުމަށްފަހު އެ ޕޯޓަލް މެދުވެރިކޮށް ކަރަންޓީންވުމަށް އެދެން ޖެހެއެވެ. ކަރަންޓީން ވާނީ އެމީހަކު އަމިއްލަ އަށް ކަނޑައަޅާ ތަނެއްގައި ކަމަށް އެ އުސޫލުގައިވެއެވެ.

އެ ޕޯޓަލް މެދުވެރިކޮށް ކަރަންޓީން ވުމަށް އެދުމުން އެކި މަރުހަލާތަކުގައި ޕޯޓަލް އިން އެ މައުލޫމާތު ބެލޭނެ ކަމަށްވެސް އުސޫލުގައިވެއެވެ. ކަރަންޓީނުވުމަށް ދާ ރަށަށް ދަތުރު ހަމަޖައްސާނީ އަމިއްލަ އަށް ކަމަށާއި ކަރަންޓީނުގެ މުއްދަތު ފެށޭނީ ރަށަށް ދަތުރުކުރާ ތާރީހުން ފެށިގެން ކަމަށްވެސް އުސޫލުގައިވެއެވެ.

އުސޫލުގައިވާ ގޮތުގައި "ހާލު ބެލުން" ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކުވެސް ރިޕޯޓު ކުރަންޖެހެއެވެ. އަދި ބޭސްފަރުވާ ކުރަމުންދާ އެހެން ބައްޔެއް ނުވަތަ ސިއްހީ އެހެން މައްސަލައެއް އުޅޭ ކަމަށްވާ ނަމަ އެކަމެއްވެސް ރިޕޯޓު ކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    މިއޮއްހުރިހާ ދުވަހުވެސް ރައްރަށައް ދަތުރުކުރީ އަމިއްލަޔައް ދަތުރު ހަމަޖައްސައިގެން އަމިއްލަ އަތުން ހަރަދު ކޮއްގެން.

    6
    4
  2. އެހީިވެދީ

    މިއީ ދެކުނުގެ ރަށަކުން ވިހަން މާލެ އާ ގޮތަށް ރަށައް ނުދެވި އުޅޭބައެއް ރަށައް ދާން ޓިކެޓް ނަގައިގެން އަދި އެއާޕޯޓުން ރަށައްދާން ލޯންޗައް 2000ރުފިޔާ ހަރަދު ކުރެވޭނެ ހާ ތަނަވަސް ކަމެއް ނެއް މި ކަަމުގެ ޒިމްމާ ނަގާނީ ކާކު
    މިހެން މި ހިތްދަތި ކަމުގަ މިތާ އުޅެން ވީ ތަ؟