ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

މި ދޯނި އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު މެންދުރު 12:17 ހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މައުލޫމާތު ލިބޭގޮތުގައި، މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށް ކަމަށެވެ.

އަދި މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރިއިރު، މި ދޯންޏަކީ 60 ފޫޓްގެ ދޯންޏެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވަނީ މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މި ސަރަޙައްދުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.