މާލެއިން ރ. ހުޅުދުއްފާރަށް ގޮސްފައިވާ މީހަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ރަށުތެރޭގައި އުޅެމުންދާތީ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެެއްކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ކަރަންޓީނުގައި ބެހެއްޓުމުން، ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް ގެއިން ބޭރަށް ނުކުމެ އުޅެމުންދާތީ ރަށު ކައުންސިލުން ތަކުރާރުކޮށް ނަސޭހަތްތެރިވެ އަދި ފުލުހުންވެސް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އޭނާ އެކަމަށް އިޖާބަ ނުދިނުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް ކަރަންޓީނަށް ގެންދިޔަ ބަޔަކު، އުސޫލުތަކާއި ހިލާފުވި މައްސަލަތަކެއްގައި ހައްޔަރުކޮށްފައި ވެއެވެ.