ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮވިޑް-19 އަށްފަހު ސަރުކާރުގެ ޚާރިޖީ ދާއިރާގެ ޚިދުމަތްތައް ކުރިއަށް ގެންދިއުމުގައި އަމާޒުހިފާނެ ގޮތްތަކާއި މެދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވާ މައިގަނޑު ދެ އަސާސަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ތިމާވެށި ހިމާޔަތްކުރުންކަން ފާހަގަކުރައްވައި، އެކަން ކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި، ކޮވިޑް-19 އަށްފަހު ބޭރުގެ އެހީ ހޯދުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފަހިކުރުމަށް ޚާރިޖިއްޔާގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން، ދިވެހި ޚާރިޖީ ޚިދުމަތް ހަރުދަނާކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރުމަށް މިނިސްޓަރ ޢަބްދުﷲ ޝާހިދު ކޮށްދެއްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، މިނިސްޓަރަށާއި ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުންނަށް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީން ވަނީ، ކޮވިޑް-19 އަށްފަހު ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކޮށް، މަސައްކަތްތަކުގެ އަމާޒު ހިފިދާނެ ކަންތައްތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

އެގޮތުން، ޚާރިޖީ ޚިދުމަތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ރާއްޖެއަށް ބޭރުގެ އެހީ ހޯދުމާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އިންވެސްޓްމަންޓުގެ ފުރުޞަތުތައް އިތުރު ކުރުމަށް އަމާޒުހިފައިގެން މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތައް އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.