ދީނީ ޝިއާރުތަކާއި މެދު އިތުބާރު ގެއްލޭގޮތަށް ކަންކަން އަމަލު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ދިވެހި ރައްޔިތުންނާއި އެންމެހާ މުއައްސަސާތަކަށް ގޮވާލައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ގޮވާލީ، މިހާރުގެ ހާލަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި މިދިޔަ އަހަރުގެ ލިސްޓަކަށް މިއަހަރުގެ ޒަކާތު ފައިސާ ބެހި ކަމަށް ބުނެ، މައްސަލައެއް ބެލުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ނިންމުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ މައްސަލަ މަޖިލީހުގެ އެ ކޮމެޓީއަށް ހުށަހެޅީ ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޝިޔާންއެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ލިސްޓަކަށް ބެލުމަށްފަހު އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޒަކާތު ފައިސާ ބެހުމުން ދިރިއުޅުމުގެ ހާލަތު މިހާރު ދަށްވެފައިވާ ގިނަ ބަޔަކަށް އޭގެ ހައްގު ލިބިފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޒަކާތް ނެގުމާއި ބެހުމުގެކަންކަން އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި އެއްގޮތަށް އިޞްލާޙުކޮށް، ގެންނަންޖެހޭ އިދާރީ ބަދަލުތައް ގެނެސް ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށްފައިވާނެ ކަމަށެވެ. އަދިި ވޭތުވެދިޔަ ތަނުގައި ރައްޔިތުންގެ މެދުގައި ޒަކާތުގެ މުޅި ނިޒާމާމެދު އުފެދިފައިވާ އޮޅުންބޮޅުންތައް ފިލުވާލައި، ގެއްލިފައިވާ އިތުރުބާރު އަލުން އިޢާދަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައި، ގިނަ ކުރިއެރުންތަކެއް ޙާޞިލުކޮށް، ހެޔޮ މިސްރާބަކަށް މި މިނިސްޓްރީން ދަތުރުކުރަމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ޒަކާތް ބަހާފައި ވަނީ ހިނގާ 1441 ވަނަ އަހަރުގެ ސަފަރު ދޭއްގައި މުރާޖަޢާކުރެވިފައިވާ އާ ލިސްޓަށެވެ. އެއީ މީލާދީ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު އެކެކެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެ މައުލޫމާތު މަޖިލީހާވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ..

އެ މިނިސްޓްރީން ވިދާޅުވީ، 1441 އަހަރުގެ ފިތުރު ޒަކާތް ބެހުމަށްޓަކައި ރޯދަ މަހުގެ ކުރިން ފަޤީރުންގެ ދަފްތަރު މުރާޖަޢާކުރުމަށް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް ފުރަބަންދުގެ ޙާލަތު މެދުވެރިވުމުގެ ސަބަބުން އެކަން ކުރެވޭގޮތް ނުވެފައިވާ ކަމަށެވެ.

"މި އަހަރު ފިތުރު ޒަކާތް ބަހާފައިވަނީ، މިއަހަރުގެ ކުރީކޮޅު (13 ޛުލްޤައިދާ 1440 އިން 01 މުޙައްރަމް 1441 ވަނަ ދުވަހުގެ ނިޔަލަށް ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިތުރު ފުރުޞަތެއް ދިނުމަށް ހުޅުވާލެވި 02 ޞަފަރު 1441 ގައި) އެކުލަވާލެވުނު ލިސްޓަށެވެ. ވުމާއެކު މިއަހަރު ފިޠުރު ޒަކާތް ބަހާފައިވަނީ، މި ހިނގާ 1441 ވަނަ އަހަރު މުރާޖަޢާކުރެވިފައިވާ އާ ލިސްޓަށެވެ. އަދި އެއީ 1439 ވަނަ އަހަރުގެ ލިސްޓެއް ނޫންކަމާއި 02 ޞަފަރު 1441 ގައި އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުކަން ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެ މަޢުލޫމާތު ޙިއްސާކުރެވިފައި ވާނެއެވެ"، އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ވިދާޅުވީ، ފުރަބަންދުގެ ޙާލަތުގައި، މިފަދަ ނާޒުކު ކަމެއްގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް އަވަސް އަރުވާލައިގެން، ހަމަހަމަކަން ގެއްލޭގޮތަށް ފަޤީރުންގެ ލިސްޓަށް ބަދަލުގެނައުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ. އަދި ކަށަވަރުވެފައިވާ ފަޤީރުންގެ ލިސްޓަށް
1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަކީ، އެންމެ އިންސާފުވެރި ގޮތް ކަމުގައި ވެސް ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި އިސްލާމް ދީނުގެ ތިންވަނަ ރުކުން ކަމުގައިވާ ޒަކާތުގެ ޝިޢާރާއި އެ ނޫންވެސް އިސްލާމް ދީނުގެ މަތިވެރި ޝިޢާރުތައް ޤާއިމުކުރުގައި މި މިނިސްޓްރީން ޢަމަލުކުރަމުންދާ ގޮތާމެދު ޢާއްމުންގެ ހިތްތަކުގައި ޝައްކު އުފެދި، އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ރައްޔިތުންނާއި އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ". އެ ބަޔާނުގައި ވެއެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން މެދުވެރިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން އެ މިނިސްޓްރީން ނިންމަމުންދާ ނިންމުންތަކަކީ އިސްލާމް ދީނުގެ މާތް މަޤްޞަދުތަކާއި، އުއްމަތުގެ ދަންނަ ބޭކަލުން އިއްތިފާޤުވާ ޝަރުޢީ އުޞޫލުތަކާއި ޤަވާޢިދުތަކަށް ރިޢާޔަތްކުރެވި ނިންމާ ނިންމުންތަކެއް ކަމަށެވެ.

"ވީމާ، އެ ނިންމުންތަކާ ޚިލާފަށް ޢާއްމު މަޞްލަޙަތު ގެއްލި މުޖުތަމަޢުގައި ފިތުނަ އުފެދޭގޮތަށް ވަކިވަކި ފަރުދުން ފަތުވާތައް ނުދިނުމަށް އިލްތިމާސްކުރަމެވެ". އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވުވެފައި ވަނީ ޖޫން 1އިން ފެށިގެން ފުރަބަންދުގެ ޙާލަތަށް ލުއިތަކެއް ދެވުމާއެކު، މުދަލު ޒަކާތް ބެހުމުގެ ކުރިން ފަޤީރުންގެ ދަފްތަރު މުރާޖަޢާކުރުމަށްޓަކައި މިނިސްޓްރީން ހުޅުވާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަނާހް

    ތިޔަ ޖެހުނީ ބޮޑުތާ !! މަންތިރިޔާ ބެހެންޏާ ދެންފެންނާނީ ބޮޑުބޯ ޖަހާލާފަ އޮއްވާ.. މި ސަރުކާރު އެ ހިނގަނީ އެހެން

    20
  2. ޢަލިބެ

    ޒަކާތަށް ލިބޭ ހުރިހާފައިސާއެއް މަޖިލީހުގެ މެންބަރުންނަށް ބަހާލާނަމަ ރަނގަޅުވީސް. އެމީހުންނަށްވުރެ އާމްދަނީ ދަށް ބަޔަކު މިހާރަކު ނުތިބޭނެ. ހުށަހެޅިމީހާއަށް ޒަކާތްޙައްޤުވާ ފަރާތްތަކަކީ ކޮބައިކަންވެސް ނޭނގޭނެ. ހުރިހާކަމަކާ ނުބެހި ތިބެންވެއްޖެދޯ.

    30
    1
  3. ޙަަހަ

    އަވަހަށް ތިލިސްޓްގައި މެމމ މްބަރު ރިޒާއާއި ނަޝީދުގެ ނަން ޖަހާދެއްވާ މިނިސްޓަރޫ ، ނޫނީ އަލީވަހީދު މެންގޮތަށް ކްލާހުން ނެރެންޖެހިދާނެ

  4. ޚިޔާލު 3

    މަޖިލީސް ހޮޅުއަށްޓަކަށްވީ މަ ތަނެއްދޮރެއްނުބަލައި ނޭގިތިބެ އަޑުހަރުކޮށް ބާރަށް ބަސްބުނު މަކީ ޖާހިލިއްޔަ ޒަ މާނުގައި އަޑުގަދަ މީހުން ހޮޅިއަށިތަކުގައި ކޮށްއުޅު ޒާތުގެ ކަ މެކެވެ.