ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެޅުއްވެވި ފަންޏެއް ކަމަށް ވިދާޅުވާ ވީޑިއޯ ދެއްކެވުމުގެ ފުރުސަތަކަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެދިވަޑައިގެންފިއެވެ.

މޮސްޓާ އެގޮތަށް ވިދާޅުވެފައި މިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބޭރުކޮށްލަން އިއްޔެ ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައި ބަހުސް ކުރިއަށް ދަނިކޮށް ނިޒާމީ މައްސަލައެއް ނަންގަވައެވެ.

މޮސްޓާ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސާގެ ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ދެއްކެވި ވާހަކައެއްގެ ވީޑިއޯ މަޖިލީހުގައި އަޅުވައި ދިނުމަށް އެދިވަޑައިގެންފައެވެ.

ނަޝީދު ވިދާޅުވީ ނިޒާމީ މައްސަލައެއް ނަންގަވައިގެން އެކަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކު، ބަހުސް ކުރަން މެމްބަރަށް ލިބިވަޑައިގަންނަވާ ފުރުސަތުގެ ތެރެއިން އެކަމަށް އެދިވަޑައިގަންނަވާ ނަމަ، އެކަން ކޮށްދެއްވިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި އެ ވީޑިއޯ އަޅުވައި ދިނުމަށް އެދިއްޖެ ކަމުގައިވިޔަސް އެކަން ކޮށްދެއްވާނެ ކަމަށާއި، އެ ވީޑިއޯގައި ރައްޔިތުންނަށް އެނގެން ޖެހޭ ވަރަށް މުހިންމު މެސެޖުތަކެއްވާ ކަމަށެވެ.

ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ އަދީބު ވަޒީރު ކަމަށް ގެންނަން އީސަގެ ވޯޓް ހޯއްދެވީ އަދީބާއި ދެކޮޅަށް ވޯޓް ލުމަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ކަމަށެވެ.

އެމްޑީޕީއާ ދެކޮޅަށް އަދީބު ވަޒީރުކަމަށް ގެންނަން ތާއިދު ކުރެއްވީ އަދީބަކީ "ފަންޏެއް" ކަމަށްވާތީ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހަލާކު ކޮށްލެވެން އޮތީ އަދީބު ވަޒީރުކަމުގައި ބަހައްޓައިގެން ކަމަށް ވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދީބަކީ "ދެއަތުން ކާކުއްޖެއް" ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި އަދީބާއި އެއްކޮޅަށް ވޯޓު ނުދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އީސަގެ އަރިހުން އެދުނު ކަމަށާއި އެހެން ނަމަވެސް އީސަ އަކީ ބުނާ ގޮތް ހައްދަވާ ބޭފުޅެއް ކަމަށް ނަޝީދު ވަނީ އެ ދުވަހު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ބުއްޅަބޭ އެއީ ފައްކާ ޤަމާރެއް

  37
 2. ފަނި ފަކުސާ

  އޮލިމްޕަހަށް ފަނި އަންނަނީ@ އަންނަނީ އަންނަނީ ޓިކެޓު ކަންމަތީ ފިހާރަ ތަކުން އަވަސް އަވަސް

  14
 3. އަސްލު މީހާ

  ބުއަޅަބޭ ބޭޒާރުވެ ނިމިއްޖެ.

  16
 4. ކަތުރޭ

  ބުއަޅަބޭ ބޭޒާރުވެ ނިމިއްޖެ.

  18