ވިލިމާލެއިން ކޮވިޑް-19 އަށް ފައްސިވި މީހަކު މަސައްކަތްކުރި ފިހާރައެއް ޑިސްއިންފެކްޓު ނުކޮށް ހިދުމަތް ދެމުން އަންނާތީ ވިލިމާލޭގައި ދިރިއުޅޭ އާންމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ހިއްސާކުރި އާންމުންގެ މީހަކު ބުނީ މީގެ ދެ ދުވަސް ކުރިން ވިލިމާލެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު މަސައްކައްކަތް ކުރަމުން އައި ފިހާރައެއް ޑިސްއިންފެކްޓު ކުރުމެއް ނެތި ހިދުމަތް ދެމުން އަންނަ ކަމަށާއި، އެއީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދަތި ކަމަށް އޭނާ ބުންޏެވެ.

ޑިސްއިންފެކްޓު ނުކޮށް ހިދުމަތް ދެމުން އަންނަނީ ވިލިމާލޭ "ރިމްވާ" ނަމަކަށް ކިޔާ ފިހާރައެއް ކަމަށާއި، އެ ފިހާރަ ޑިސްއިންފެކްޓު ކުރުމަކާއި ނުލައި ހިދުމަތް ދެމުން އަންނަތާ 48 ގަޑިއިރު ވެފައިވާ ކަަމަށް އޭނާ ބުންޏެވެ.

"ހަމަ ވިޔަފާރިކުރަން މީހުން ވަންނަވަރަކުން ވަންނަމުން ދޭ އެތަނަށް. އަދިވެސް ޑިސްއިންފެކްޓެއް ނުކުރޭ. އެޗްޕީއޭ އިން ވެސް އަދި ފިހާރައިގެ އޯނަރުންވެސް މިކަމަށް އެއްވެސް ސަމާލުކަމެއް ނުދޭ" އޭނާ ބުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވަޒީފާއިން ވަކިކޮށްފައި ކަމަށާއި، އެހެން ނަމަވެސް އޭނާ އެތަނަށް އާދައިގެމަތިން ދާކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެމުން އެ ފިހާރައިގެ މެނޭޖްމެންޓުން ބުނީ ޑިސްއިންފެކްޓު ކުރުމާއި ތަންތަން މޮނިޓަރިންއަށް ގެނައުމަކީ އެފަރާތްތަކުން ކުރަމުން އަންނަ ކަމެއް ނޫން ކަމަށާއި، އެކަން ކުރުަމަށް ހާއްސަ އިދާރާތަކެއް ހުންނަ ކަމަށެވެ. އަދި އެއީ އެތަނުގެ މުވައްޒަފެެއް ނޫން ކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރިތާ މިހާރު އެއްމަހަށް ވުރެ ގިނަވެފައިވާކަމަށް ފިހާރައިގެ މެޖޭޖްމެންޓްއިން ވާހަކަދެއްކި މީހާ ބުންޏެވެ.

"އޭނާ މި ފިހާރައިން ވަކިވެގެން ރިސޯޓަކަށް ދިއުމަށް ވަޒީފާއެއް ހޯދިކަަމަށް ވަނީ. ޓެސްޓު ހެދީވެސް އެހެންވެގެން. އަސްލު މިތަނަކާއި މާބޮޑު ގުޅުމެއް ހުރި މީހެއް ނޫން އެއީ. ހަމަ ކަސްޓަމަރެއް ކަހަލަ ފަހުން" އޭނާ ބުންޏެވެ.

އޭނާ ބުނީ ޑިސް އިންފެކްޓު ކުރުން ފަދަ ކަމެއް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއަކުން އެންގި ނަމަ އެކަން ކުރާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބުރު

    ކަލެއަށްތަ އިންގެނީ މަ އެތަން ޑިސްއިންޕެކްޓް ނުކުރާކަމެއް، ނޫނީ ކުރިކަމެއް

  2. އަބްދޫ

    އަންގާކަށް ނުޖެހޭނެ. ތިޔަތާގެ މުވައްޒަފަކު ނުވަތަ ތިޔަ ތަނަށް އައިސް ހުންނަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ އެހެން މީހުންގެ ސަލާމަތަށް ކުރަންނެޖެހޭ ކަންކަން ކުރުމަކީ ފިހާރައިގެ އޯނަރުގެ ވާޖިބެއް.