ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ، އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބޭއްވި ޝަރީއަތް ކުރިޔަށް ގޮސްފައި ވަނީ ގާނޫނާ އެއްގޮތަކަށް ނޫން ކަމަށް ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ، އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށްފައި ވަނީ މައްސަލަ ބެއްލެވި ގާޒީ އަށް ފެނިވަޑައިގެންނެވި ގޮތަށް ކަމަށާއި އެ މައްސަލާގައި އަދީބުގެ ފަރާތުން އެއްވެސް އެއްޗެއް ފާހަގަކޮށްފައި ނުވާ ކަމަށެވެ.

އަދި އޭނާ ވަނީ އަދީބުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޝަމީމް މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލް ކުރި މައްސަލަ އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލްކޮށްފައިވާއިރު، އެމަނިކުފާނު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ރޭ ވަނީ އަމުރެއް ނެރެފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.