ބ. އަތޮޅު ސޮނެވާފުށީ ރިސޯޓުގެ މުވައްޒަފަކު ކޮވިޑަށް ހެދި ދެ ވަނަ ޓެސްޓް ނައްސިވެއްޖެއެވެ.

ސޮނޭވާފުށި ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ރިސޯޓުން ކޮވިޑް-19 އަށް ފައްސިވި ކަމަށް ފުރަތަމަ ނަތީޖާ ލިބުނު މީހާގެ ދެވަނަ ސުންކު ނެގި އިރު ނައްސިވެފައިވާ ކަމަށެވެ. އެހެންކަމުން ފުރަތަމަ ލިބުނު ނަތީޖާ އަކީ "ފޯލްސް ޕޮޒިޓިވް" ނަތީޖާއެއް ކަމަށް ބަޔާނުގައިވެއެވެ.

އަދި އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު އަންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެމީހާގެ ސުންކު ނަގާފައި ވަނީ އަލާމާތްތައް ފެނިގެނެއް ނޫނެވެ. އަދި އެ ތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް ދެއްކީ ރިސޯޓުގެ ހުރިހާ މުވައްޒަފުން ޓެސްޓް ކުރުމުގެ ތެރޭގައެވެ.

އެ ހުރިހާ މުވައްޒަފުން ޓެސްޓްކޮށްފައި ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފައިވާ ކޮވިޑް ޓެސްޓް ސެންޓަރުގައެވެ.

ސޮނޭވާފުއްޓަކީ ރާއްޖޭގެ އެންމެ މަޝްހޫރު ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓެވެ. އެރިސޯޓްގައި އާއްމުކޮށް ޗުއްޓީ ހޭދަކުރާ މީހުންގެ ތެރޭގައި ދުނިޔެ މަޝްހޫރު މަހުޖަނުންނާއި، މަޝްހޫރު ފަންނާނުން ހިމެނެއެވެ. ސޮނޭވާފުށީގައި އެންމެ ދުވަހަކު ޗުއްޓީ ހޭދަކޮށްލުމަށް މިހާރު ވެސް 25000 ރުފިޔާ ދައްކަން ޖެހެއެވެ.

ސޮނޭވާފުއްޓަކީ ކޮވިޑް-19 އާއި ގުޅިގެން ވެސް ބަންދުނުކޮށް ޚިދުމަތް ދެމުން އައި ރިސޯޓެކެވެ. މިއަދު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު މިއަދު ވެސް އެރިސޯޓަށް ހަ ފަތުރުވެރިޔަކު ދިޔަ ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިފައި ވެއެވެ. އެހަމީހުންނަކީ ވެސް އެއް އާއިލާއެއްގެ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 19 ނަވާރަ

    ދެނެއް ތިޔާ ރިޒޯޓްތަކުގެ މީހުން ފައްސި ނުވާނެ ވިޔަސްވާނީ ހައްސި އެއީ އަންގާފަ އޮތްގޮތް
    މަހުޖަނުން ފަގީރުވެދާނެތީ ބިރުން ރ އިބްރާހިމް ނިކަން ދެކަފިމަގަކަށް އަރާބަލަ ވާގޮތެއް އެގިދާނެ

  2. ބަނގުއާވި

    ފައްސިވެގެން ނައްސިވެގެން އައްސިވެފަ އޮތް ސަރުކާރެއް.

  3. ސިޕް

    ޤަބޫލެއް ނުކުރެވޭ އެޗް.ޕީ.އޭ އިން ދައްކާ ވާހަކަ އެއް. މާދަމާ އެފަރާތް ރަށުގެ އެންމެންނާއި ކޮންޓެކްޓް ވާފަހުން އަންގާނެ ޕޮޒިޓިވް އޭ އޮޅުމަކުންނޭ އެންގުނީ ނެގެޓިވްކަން ، މީމިހާރު އެމީހުންގެ ހާލަތު ހުރި ގޮތް ،