ރައްޔިތުންގެ މަޖިލީހުން ކަންކަން އަވަސް އަރުވާލުމުން ނިޒާމަށް ހުރަސް އެޅޭނެ ކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބޭރުކޮށްލަން އިއްޔެ ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ މައްސަލައެއް ހުށަހަޅާފައެވެ. މަޖިލިހުގެ ޖަލްސާ އަށް މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި ގޮތެއް ނިންމުން އަވަސްކުރުމުން، އިސްތިއުނާފްކުރުމާއި ކަންކަން ހިނގަނީ ރަނގަޅަށްތޯ ބެލުމުގެ ނިޒާމަށް ހުރަސްއެޅޭނެ ކަމަށެވެ. މައުމޫން ވިދާޅުވީ އެކަމުން ފަނޑިޔާރުން ބިރުގަންނާނެ ކަމަށެވެ. އަދި އޭގެ ނުބައި އަސަރު ޝަރުއީ ނިޒާމުގެ މިނިވަންކަމަށް ވެސް ކުރާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ މިއީ ހައްސާސް މައްސަލައަކަށް ވެފައި ރާއްޖޭގެ ކޯޓަކުން ނުރަނގަޅުކޮށް އިޖުރާއަތްތަކާ ހިލާފަށް މައްސަލަ ހިންގާފައިވާތީ ކަމަށެވެ. މިއީ މަޖިލިހުގައި ބަހުސް ކުރުމަށް ކޮންމެހެން މުހިންމު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި ފަނޑިޔާރުން އަމަލު ކުރަން ޖެހެނީ ގާނޫނުއަސާސީ އާއި ގާނޫނަށް ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށާއި މައްސަލަތައް ބެލުމުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހަޅާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ފަނޑިޔާރުން އަމަލު ކުރަން ޖެހޭނީ ހަމައެކަނި ކޯޓުގެ ނިންމުމަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ފަނޑިޔާރަކަށް އެ ނޫން ކަންކަމަށް ބަލައި މައްސަލަ ނިންމުމުގެ އިހްތިޔާރެއް ނޯވެއެވެ.

"މި މައްސަލަ ނިންމުމުގައި ގާޒީ ބައްލަވާފައިވާ ކަންކަމުގެ ތެރޭގައި، ވަރަށް ގިނަ އިޖުރާއަތްތަކާއި ހިލާފުވެފައި ހުރި އިރު، ފާހަގަ ކުރެވޭ ދައުވާ ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ނުދީ، ދައުވާ ލިބޭ މީހާގެ ފަރާތުން އެއްވެސް ދިފާއެއް ހުށަހަޅާފައި ނެތިސް މައްސަލަ ބަލާ ފަނޑިޔާރު ވަނީ ދިފާއީ ވަލީކެއްގެ ދައުރު އަދާކޮށް އެއްވެސް އަސާސެެއް ނެތް ދައުވާކުރުމަކަށް ހުރަހަކަށްވާ ދިފާއުތައް ގާޒީ އަމިއްލައަށް ފާހަގަކޮށް މި ދައުވާތަކަކީ ބާތިލް ދައުވާތަކެއް ކަމުގައި ކަނޑައަޅާފައި،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ގާޒީ ނެރުއްވާފައިވާ ހުކުން ވިދާޅުވުމުން މިކަން ދޭހަވާ އިރު، މި މައްސަލަ ބާތިލްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ތަންދޭ ފަދަ އެއްވެސް ގޮތަކަށް ނޫން ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިފަދަ މައްސަލައެއް ބާތިލް ކުރެވިދާނެ ތިން ހަމައެއް އޮވެއެވެ. ހަސަން ލަތީފް ވިދާޅުވީ ދައުވާތައް ބާތިލުކުރުމުގައި އޭގެ ތެރެއިން އެއްވެސް ހަމައަކަށް ބަލާފައި ނުވާކަމަށެވެ.

މި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ އިއުތިރާފްގެ މައްޗަށް އެކަނި ބިނާކޮށްފައި ނޫން ކަމަށާއި، އެހެން ނަމަވެސް ފަނޑިޔާރަށް ފާހަގަ ކުރެވިފައި ވަނީ ހަމައެކަނި އެ ނުކުތާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ދައުލަތުން ދައުވާ ސާބިތުކުރުމަށް އިތުރު ހެއްކާ ގަރީނާ ހުށަހަޅާފައިވޭ. ނަމަވެސް ދައުވާ ހުށަހަޅާ އެ ހެކި ހާމަކުރުމަށް ދައުލަތަށް ފުރުސަތު ނުދީ މި މައްސަލަ ބާތިލްކޮށްފައި އޮތްކަން ފާހަގަކުރެވެ"

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ހަތް ދައުވާއެއް ބާތިލް ކުރުމާ ގުޅިގެން އޭނާ ވަނީ މިނިވަންވެފައެވެ. އެކަމަކު، އެ މައްސަލަ މިއަދު ވަނީ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައެވެ. އަދި އަދީބު ފުރުންވެސް ވަނީ މަނާ ކޮށްފައެވެ.