ދިވެހި ޒުވާނުންނަކީ ގޮންޖެހުންތަކާ ކުރިމަތިލައި ކުރިމަގާ މެދުގައި ވިސްނާ ބަޔަކަށްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ ގުޅިގެން ހިންގާ "ސްކިލްސް ފޯ އަ ރިސިލިއަންޓް ވޯކް ފޯސް" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަކީ، އެކަކު އަނެކަކަށް އިޙްތިރާމު ކުރާ، ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލައި، ލިބިފައިވާ އިލްމާ ހުނަރު އަނެކާ އަށް ހިއްސާ ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ގައުމީ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ދިވެހި ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ކުރިއަށްދިއުމުގައި ފުރުޞަތުތައް ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

އަދި، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުމެއް އައިސްފައިވާ މި ހާލަތުގައި، ދުޅަހެޔޮ އިގްތިސާދަކާ އަރައި ހަމަކުރުމަށް މިހާރުން ފެށިގެން ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކޮށް ތަމްރީނުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވަޒީފާގެ މައިދާނަށް ޒުވާނުން ނުކުތުމަކީ، އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކެއް ހައްލުކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅެވެ. އަދި ޒިންމާދާރުކަމާއެކު މަސައްކަތުގައި ވަގުތު ހޭދަކުރާ ޒުވާނުންނަށް ފޫހިކަމާއި އެކަނިވެރިކަމުގެ އިޙްސާސްތަކާއި، ކުށްކުރުމުގެ އާދަތަކާއި ދުރުވެލިވާން ފަސޭހަވާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ، އެ މީހުން ޝައުޤުވެރިވާ ދާއިރާއަކުން ތަޢުލީމާއި ތަމްރީނު ލިބި، ވަޒީފާގެ މައިދާނަށް ނުކުތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެކެވެ.

އަދި، ބިދޭސީ މަސައްކަތްތެރީންގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތައް ހައްލު ކުރެވޭނީ، ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންގެ ޖީލެއް ބިނާކޮށްގެން ކަމާއި، މިއީ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް އޮތް ހައްލު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒުހުރާ

    ޒުވާނުން ކުރިމަގަށް ވިސްނަންޏާ ފުރަތަމަ ޖެހޭނީ ވެރިކަން އިސްލާހުކުރަން ނުކުންނަން. ޒުވާނުންގެ މުސްތަގްބަލެއް މިހާރުނެތް. ގައުމު އަޅުވެތި ކޮށްފި. އެވެސް 108 މިލިއަން ދިވެހި ރުފިޔާއަށް. ގެރިއައިނަކަށް ވިއްކަާ ނިންމާލައިފި.

    13
  2. Anonymous

    ޒުވާނުންނޭ ގައުމު ސަލާމަތް ކުރަން ނުކުމޭ. މިއޮއްބޮޑު ބަލިމަޑުކަމުގައިވެސް 2 މިލިއަނުގެ ލޯންޗަކާ ދެމިލިއަނުގެ އެލޭ ދަގަނޑު ގަދިޔަ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި.ގައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށްވުރެވެސް ބޮޑުކޮށް ބޭއްވީ. ވިސްނާލަބަލަ. މިއީ ބައެއްގެ ނުފޫޒު އޮތްވަރު ދައްކުވައިދޭ ހެކި.

    12
  3. ހާސަރު

    ޒުވާނުން މުސްތަގްބަލާ މެދު ވިސްނާނަމަ މިވެރިކަން ވައްޓާލަން ނުކުންނާނެ. ގައުމުގެ މިނިވަންކަމާ ސިޔާދަތާ ދީން ނެތިމިއޮއްދަނީ. ޒުވާނުންގެ މުސްތަގްބަލް އަޅުވެތިކަންމަތީ. ކަޝްމީރުގެ މުސްލިމުންގެ ގޮތުގައި ހަނގުރާމައާއި ފަގީރުކަމާ އަޅުވެތިކަން އޮތީ ފެންނަން.

  4. އެމަންޖެ

    ޒުވަނުން ކުރިމަގައް ވިސްނަންއެބަ މި މޑޕ ދިވެހި ފަސްގަނޑުން ފޮހެލަން.